ޕާކިސްތާނުގައި ބޭއްވި ނުވަ ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑެލް ހާސިލުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ފެބުރުއަރީ 5-7 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު، ޕަބި، ގައި ކުރިއަށްދިޔަ އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ވަނީ ބައިވެރިވެފައެވެ.
ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާ އިން ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކޮށް ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
"ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން،". ރައީސް ވިދާޅުވިއެވެ.
ޕާކިސްތާން އަސްކަރިއްޔާ އިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެއް ކަމަށް އެމްއެންޑީއެ ފްއިން ވަނީ ބުނެފައެވެ. އެގޮތުން އެ މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
