އައްޑޫ ސިޓީ، އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރި ކުޅީގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 13:00 ހާއިރު ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ފަޔާފައިޓަރުން ކުރި މަސައްކަތުން މިއަދު 15:29 ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މިފަހަކުން އައްޑޫގެ އެކި ތަންތާ އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިހަފްތާގެ ހޯމަ ދުވަހު އައްޑޫ ސިޓީ، ހުޅުދޫ ބަހާއުއްދީން މަގުގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ، ހުޅުދޫ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވުމުގެ އިތުރުން، އައްޑޫ ސިޓީ، މީދޫ ވެމްކޯ ސައިޓްގައި ހުރި ޕްލާސްޓިކް ފުޅިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.
މީގެއިތުރުން ރޯދަ މަހުގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީ، މީދޫ ޝަމްސުއްދީނު ސްކޫލް ކުރިމަތީ ވަލުތެރޭގައި ރޯވެފައިވާއިރު، މިހިނގާ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީ، މީދޫ ސަންސެޓް ރެސްޓޯރެންޓް ކައިރީ ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މިހާ ގާތްގާތުގައި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު މިދިޔަ ޖެނުއަރީ މަހު ހިތަދޫ ޝީޝާ ކުރިމަތީ އޮތް ޗަސް ބިމުގަ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
