ޕާކިސްތާނުގައި ބޭއްވި ނުވަ ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑެލް ހާސިލުކޮށްފިއެވެ.
ފެބުރުއަރީ 5-7 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު، ޕަބި، ގައި ކުރިއަށްދިޔަ އެ މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ވަނީ ބައިވެރިވެފައެވެ.
އެކަމާ ގުޅިގެން އެމްއެންޑިއެފްއިން ބުނީ، އެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ކަމަށެވެ. ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ.
މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަހުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްގީކުރުމަށް ދެއްވާ ހާއްސަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
