ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި މަހުގެ 17ވަނަ ދުވަހު ޔާމީނަށް އެ ކޯޓުން ފޮނުވި ޗިޓުގައި ވަނީ، މިއަދު ހެނދުނު 9:15އަށް ހާޒިރުވާން އަންގައިފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި މި އަޑުއެހުން ކެންސަލްކުރަން ޖެހުނީ ދައުލަތުގެ ވަކީލު ބަލިވެ އުޅުއްވާތީ، އެމަޖެންސީގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިގެން މައްސަލަ ފަސްކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުމުންނެވެ.
މި އަޑުއެހުމަކީ މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ތާވަލުކުރެވުނު އަޑުއެހުމެކެވެ. ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ބައެއް އަޑުއެހުންތައް ބޭއްވި ފަހުން، ތާވަލު ކޮށްފައިނުވެ ވަނީ ހުއްޓިފައެވެ.
މީގެ އިތުރުން، ވ. އާރަށް މައްސަލައިގެ އަޑުއެހުންތައްވެސް ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރީ، ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައެއް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމްކުރީ ހައި ކޯޓުން ކަނޑައެޅި ގޮތަށް، އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ.
