ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަން ގޮސް ތިބި ބިދޭސީންތަކެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ހާމަކޮށްފައި ވާ ގޮތުގައި އެކަމުގައި 6 މީހަކު ހިމެނޭ ކަމަށާއި އެ 6 މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނިފައި ވެއެވެ.
މި ހުރިހާ ފައިސާއެއް އަގުމަގު ކުރުމުން ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހަބަރު އާންމު ކުރަމުން ފުލުހުން ހާމަ ކުރި ފޮޓޯތަކުން ފެންނަނީ، ސީރިއަލް ޕެކެޓުތަކެއް ކަނޑަމުން ފައިސާ ނަގާތަނެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތުގައި ބިދޭސީން ބައިވެރިވާ ކަމާއި އެކަން ހުއްޓުވުމަށައި ގަވައިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކުރާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން މަަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.
ފުލުހުން ބުނީ، މި 6 މީހުން އަތުލައިގަތުމުގެ އޮޕަރޭޝަނަކީވެސް އެ ކަމަށް ހާއްސަ ކޮށްފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އިއްޔެ ހައްޔަރު ކުރި 6 މީހުނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ 6 މީހުނެވެ.
