މަނީ ޗޭންޖިންގް ވިޔަފާރިއާބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ތިން މަނީ ޗޭންޖަރެއްގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށް، އެ ތަންތަން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ލައިސަންސް ބާތިލްކޮށްފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ގެއެވެ.

ލައިސަންސް ބާތިލްކުރުމުގެ އިތުރުން، އެ ތިން ކުންފުނި ވެސް ވަނީ މާލީ ގޮތުން ޖޫރިމަނާކޮށްފައެވެ. އެގޮތުން އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކުރެން ކޮންމެ ތަނެއް 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ވަނީ 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ، މި މުއާމަލާތްތައް ހިންގުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންނުދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަވެފައެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަން." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައި ވެސް އެމްއެމްއޭ އާއި ކަމާބެހޭ ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.