އިސްލާމްދީނުގައި އިންސާނީ މުޖުތަމައަކަށް ލިބިދީފައިވާ އެންމެ މުހިންމު އެއް ރައްކާތެރިކަމަކީ ބުއްދީގެ ރައްކާތެރިކަން ކަމަށާއި، މަސްތުވާތަކެތިން ދުރުހެލިވެ ތިބުމަކީ ގައުމުގެ އުފެއްދުންތެރިކަމާއި ކުރިއެރުމުގެ އަސްލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން އިންސާނާއަށް ދޭ ތިންވަނަ ރައްކާތެރިކަމަކީ ބުއްދިޔަށް އެއްވެސް ލޮޅުމެއް އެރިޔަނުދީ ރައްކާތެރިކުރުން ކަމަށެވެ. އެގޮތުން މާތް ﷲ މަސްތުވާ ކޮންމެ އެއްޗެއް ހަރާމްކުރައްވާފައި ވަނީ ހަމައެކަނި މަސްތުވުން މަނާކުރެއްވުމުގެ އިތުރުން، އޭގެ ސަބަބުން މުޖުތަމައުގައި އުފެދިދާނެ ނޭދެވޭ އެތައް ކަމަކާއި އޭގެ ނުރައްކާތެރި ނަތީޖާއިން އިންސާނާ ސަލާމަތްކުރެއްވުމަށެވެ. ކައު އިތުރު ރަސޫލާ ﷺ ގެ ހަދީޘްފުޅުން ވެސް އެނގިގެންދަނީ މަސްތުވާތަކެއްޗަކީ އެންމެހައި ނުބައިކަންކަމުގެ އަސްލުކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސައިންޓިފިކް އަދި ޢިލްމީ ނަޒަރަކުން މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްތުވާ އެއްޗެއް ބޭނުންކުރުމުން ސިކުނޑީގައި ހިނގާ މާއްދީ އަދި ކެމިކަލް ބަދަލުތަކުގެ ސަބަބުން އިންސާނާ ދެވިހިފުމާ ދިމާއަށް ދަތުރުކުރާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝައިޠާނާގެ ވަސްވާހާއެކު އެއްވެސް ޖެހިލުމެއް، ބިރެއް ނުވަތަ ލަދުވެތިކަމެއް ނެތި ކޮންމެ ފަދަ ކުށަކަށް ވެސް އަރައިގަތުމަށް މަގުފަހިވެގެންދެއެވެ.
މަސްތުވާތަކެތީގެ ސަބަބުން ފަރުދެއްގެ މާއްދީ، ނަފުސާނީ އަދި ރޫޙާނީ ސިއްހަތު ހަލާކުވެ، މުޅި އާއިލާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން ވައްކަމާއި، ޓެކުމާއި، ފޭރުން ފަދަ ނުރައްކާތެރި ޖަރީމާތައް މުޖުތަމައުގައި އާންމުވެ، މުޅި ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގައި ބުއްދިއަކީ މަތިވެރި ޖައުހަރެއްގެ ގޮތުގައި ބަލައިގަނެ، އެ ބުއްދި ރައްކާތެރިކުރުމުގެ ސަބަބުން މުސްލިމު އިންސާނާ ވެގެންދަނީ އީޖާދީ، ހިކްމަތްތެރި، އަދި ހެޔޮކަންކަމަށް އަމުރުކުރާ މުރާލި މީހަކަށް ކަމަށެވެ. މީގެ 900 އަހަރު ކުރިން ރާއްޖެ އިސްލާމްވުމާއެކު ގެނެސްދިން މި އިންގިލާބީ ބަދަލުގެ ސަބަބުން، ދިވެހީންގެ ވިޔަފާރިއާއި، އޮޑިދޯނިފަހަރު ބަނުމުގެ ފަންނުވެރިކަމާއި، މިސްކިތްތަކާއި އިމާރާތްތައް ބިނާކުރުމުގައި ބޭރު ދުނިޔޭގެ ތައުރީފު ލިބުނު ފަދަ އިންސާނީ ތަހުޒީބާއި ހަމަޖެހުން ދިވެހިރާއްޖެއަށް ލިބިގެންދިޔަކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ.
