ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި ހިނގާ އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ އިއްޔެ ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އެގޮތުން 6.75 ކިލޯގެ ސިންތެޓިކް ކެތިނޯން އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ދާދި ފަހުންވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަތުލައިގެންފައި ވެއެވެ. އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނައި 3.3 ކިލޯގެ ކެނަބިސް މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ފާއިތުވި އޮގަސްޓް މަހުވެސް ރާއްޖެއައި އިންޑިއާގެ މީހެއްގެ އަތުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފައި ވެއެވެ. އަދި ހަމަ އެ މަހުގެ މަހުގެ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.
