ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހުންކަމަށެވެ. އެއީ:
- އެމްޑީ ޖިހާދު ބިން އަރީފް (20އ)
- އެމްޑީ މިޒަންނޫރު ރަހްމާން (41އ)
- މިރްޒާ އަލް އަމީން (30އ)
- އެމްޑީ އަރްމާން އަލީ (21އ)
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައިކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި ހިނގާ އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ދެންތިބި ތިންމީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.
