ދެކުނުގެ ރަށެއްގައި އަންހެނަކާއި ދެ ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންވެސް ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް ހާޒިރުކުރުމުން އެންމެންވެސް ބަންދުގައި ބެއިތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޖުމްލަ 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ހައްޔަރުކޮށްފައިވަނީ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ މީހުންގެ ވަނަވަރު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދެކުނުގެ ރަށެއްގައި ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެންމެ ފުރަތަމަ އެކަކު ހައްޔަރުކުރި ނަމަވެސް، ތަހުގީގު ފުޅާކޮށް އިތުރު ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު ނުރައްކާތެރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ވެސް މި ތަހުގީގުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ހުރި ސީރިއަސްކަމުން، މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއްވެސް އެ ރަށަށް ވަނީ ފޮނުވާފައެވެ.
