ދެކުނުގެ ރަށެއްގައި ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ދެކުނުގެ ރަށެއްގައި ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެންމެ ފުރަތަމަ އެކަކު ހައްޔަރުކުރި ނަމަވެސް، ތަހުގީގު ފުޅާކޮށް މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އިތުރު ނުރައްކާތެރި ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެއް ވެސް މި ތަހުގީގުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ހުރި ސީރިއަސްކަމުން، މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވާފައިވާ ކަމަށާއި، އެ ޓީމުން މިހާރު އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ މިފަދަ އަނިޔާތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަންކަން ކަމަށްވާތީ، ފުލުހުން މި މައްސަލަ ބަލަމުން ގެންދަނީ ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ. އަދި މި މައްސަލައާ ގުޅުންހުރި އިތުރު ތަފުސީލުތައް ތަހުގީގު ކުރިއަށްދާ މިންވަރަކުން ފުލުހުންގެ މީޑިއާ މެދުވެރިކޮށް އާންމުކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
