ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް އުވާލަން ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް އެއީ އާސަންދައިގެ ދަށުން ހިދުމަތް ހޯދުމަށް ވުރެ ދައުލަތުގެ ބަޖެޓަށް ބުރަކުޑަ ނިޒާމެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް އުވާލުމަށް އެދި ހަތް ހާހަށް ވުރެ ގިނަ އާންމުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ފާހަގަކުރެއްވީ، އާންމު ރައްޔިތުންނަށް ނުލިބޭ ހާއްސަ އިނާޔަތްތަކެއް މަޖިލިސް މެންބަރުންނަށް ލިބެންޖެހޭނެ ކަމަށް ދުވަހަކު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން އެ ޕެކޭޖު ދޫކޮށްލުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ތާއީދުކުރަން، މިއަދު ވެސް ތާއީދުކުރަން ދިވެހި އެއްވެސް ރައްޔިތަކަށް ނުލިބޭ އެއްވެސް އެެއްޗެއް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެގެން ވަކި ލިބޭކަށް ނުޖެހޭ."
ފަލާހު

އެހެން ނަމަވެސް، އެ ޕެޓިޝަން ހުށަހެޅި ފަރާތްތަކަށް މިހާރު އަމަލުކުރަމުންދާ ނިޒާމުގެ މައުލޫމާތު ރަނގަޅަށް ސާފުވެފައި ނުވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުންނަށް މިހާރު ހަމަޖައްސާފައިވާ އިންޝުއަރެންސް ޕެކޭޖަކީ ދައުލަތުން މެންބަރެއްގެ ބޮލަކަށް އަހަރަކު އެންމެ 24،000 ރުފިޔާ ހަރަދުކޮށްގެން، 1.3 މިލިއަން ރުފިޔާއާ ހަމައަށް ފަރުވާ ލިބޭ ގޮތަށް އިންތިޒާމުކޮށްފައިވާ ޕެކޭޖެކެވެ. މީގެ މާނައަކީ މެންބަރުންގެ ފަރުވާއަށް އަހަރަކު ދައުލަތުގެ ބަޖެޓުން ދާނީ އެންމެ 24،000 ރުފިޔާ ކަމެވެ.

އޭގެ ބަދަލުގައި މެންބަރުން އާސަންދައިގެ ދަށަށް ބަދަލުވެއްޖެ ނަމަ، އެ ނިޒާމުގައި ވަކި ލިމިޓެއް ކަނޑައެޅިފައި ނޯންނާތީ ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ހަގީގަތުގައި އާސަންދަ ނިޒާމުގެ ތެރެއިން، މި ނިޒާމު އާސަންދައިން ބޭރުވެ އަޅުގަނޑުމެން މި އިންޝުއަރެންސް ޕެކޭޖު ނެގީމާ ދިވެހި ދައުލަތަށް ވާނީ ހަރަދު ކުޑަ. ސަބަބަކީ އަޅުގަނޑުމެންގެ ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރަކަށް، އިންޝުއަރެންސް ކުންފުންޏަށް ދައުލަތުން މިދައްކަނީ މެންބަރަކަށް އަހަރަކު 24،000 ދިވެހި ރުފިޔާ. މި ހުށަހެޅި ބޭފުޅުންނަށް އެނގެން ޖެހޭ އެއް ކަމަކީ އެ 24،000 ރުފިޔާގެ އިތުރަަކަށެެއް ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ދިވެހި ދައުލަތުން ލޯލާރިއެއް ވެސް ހަރަދުކުރާކަށް ނުޖެހޭ،"
ފަލާހު

މީގެއިތުރުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމަކީ މުހިންމު ކަމެއް ނަމަވެސް، ކަމުގެ ހަގީގަތް ރަނގަޅަށް ދެނެގަނެ، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނުގެއްލޭނެ ގޮތަކަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ޒިންމާދާރު ގޮތް ކަމުގައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ އިތުރު މެންބަރުން ވެސް ވަނީ މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން ތައްޔާރަށް ތިއްބެވި ނަމަވެސް، އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް އަންނާނެ ބުރަ ދެނެގަތުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.