ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސަރުކާރަށް އަމާޒުކުރެއްވި ސުވާލުތަކަކާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރައްދު ދެއްވައިފިއެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއަކީ ފައިދާވާނެ މަޝްރޫއެއްތޯ އިދިކޮޅު ފަރާތްތަކުންވެސް ސުވާލު އުފައްދަމުންދާ މި ދަނޑިވަޅުގައި މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ހަލީލްވެސް މި ވަނީ މަޝްރޫއުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އޮޅުން ފިލުވާދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެގޮތުން ހަލީލް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ކުރިއަރައި ދިއުމަކީ ނާދިރު ކަމެއް ކަމަށާއި އެފަދަ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، މަޝްރޫއު ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ރަސްމާލެ މަޝްރޫއަކީ އާދަޔާ ހިލާފަށް ބޮޑު މަޝްރޫއަކަށް ވާއިރު، އެ އިންވެސްޓްމަންޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހަލީލް ވަނީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ކުރި ހަރަދާއި، އެ ބިމާއި ފަޅުގެ އަގުމަގު ކުރެވިފައިވާ މިންވަރާއި، އިންވެސްޓްމަންޓުން އަޕްފްރަންޓް ޕޭމަންޓެއް ލިބޭތޯ ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން، ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާއި، ވިޔަފާރި ޓެކްސް ނުހިމަނައި ޕްރޮޖެކްޓުން ދައުލަތަށް ލިބޭ މަންފާއާއި މުއްދަތު، ބިމުގެ މިލްކުވެރިކަން ދޫކުރާ އުސޫލު، އަދި 5000 ހައުސިންގް ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ އާއި ރައްޔިތުންގެ އެއްވެސް ހައްގެއް ގެއްލޭތޯ ބެލުމަށް ވެސް ސަރުކާރަށް ގޮވާލައްވާފައެވެ.

"އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟" ހަލީލް ސުވާލު އުފައްދާފައިވޭ.

ހަލީލްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވުރެ ބޮޑަށް، ކުރީގެ ފޮރިން މިނިސްޓަރު ހަލީލް ރަސްމާލެ މަޝްރޫއާ ދެކޮޅުވެވަޑައިގަތުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކުރިން ހީކުރެވުނީ ގޯސްކޮށް ކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

ފަލާހުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަލީލް ކުރިން ދެއްކެވި ވާހަކަތަަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، ހުލާސާކޮށް ބުނެފައި އެވަނީ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަންނަންޖެހޭ ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގާނަމަ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވަދޭންޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ މިދެ ވާހަކަ މިގޮތަށް ބުނުމަކީ ރަސްމާލޭގެ ޕްރޮޖެކްޓާއި ދެކޮޅުވުން ކަމަށް ވާނަމަ، ރައްޔިތުން ދެން ތިބެންޖެހޭނީ ހަނު ނޫންތޯ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައި ވެއެވެ.

ހަލީލް މިފަދަ ސުވާލުތަކެއް އުފައްދަވާފައިވާއިރު ދާދި ފަހުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެ މަޝްރޫއު ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އެގޮތުން ޔާމީން ވަނީ އެ މަޝްރޫއަކީ ރާއްޖޭގައި "ޔަހޫދީ އާބާދީއެއް ގާއިމްކުރަން" ކުރާ ކަމެެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ތާއީދު ގެއްލި އަހުލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ފައިދާ ނަގަން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޔާމީންގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ އެއްބަސްވުމުގެ މައުލޫމާތުތައް ހާމަ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަބޫދާބީގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އީގަލް ހިލްސް އިން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގައެވެ.

މި ޕްލޭނުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ވޯޓާފްރަންޓް ޓައުންހޯމްތަކުގެ އިތުރުން މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކުގެ އިތުރުން ކުޅިވަރުކުރެވޭނެ އިންތިޒާމާ، ކެފޭ، ރެސްޓޯރަންޓް، ފިނި މައިޒާންތަކާ، މޫދަށް އެރިލާނެ ތަންތަން އަދި ފިހާރަތައް ފަދަ އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ހިދުމަތްތައް މި ސަރަހައްދުގައި ގާއިމުކުރެވޭނެއެވެ.