ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އެމްޑަބްލިޔުއެސްސީ އަށް ކޮޅުވެއްޓިއެއް ވިއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، އެ މައްސަލަ މާލިއްޔަތު ކޮމިޓީން މުޅި ރާއްޖެއަށް ލައިވްކޮށް ފެންނާނެހެން ބަލައިދިނުމަށް އެދިވަޑައިގެންފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ބަހުސްކުރައްވަމުން ފަލާހް ވިދާޅުވީ، އެ ބޭފުޅުންނަކީ ވައްކަން ކޮށްގެން އުޅޭ ބައެއް ނޫން ކަމަށާއި އާމްދަނީ ހޯދަނީ ފަތިސް ނަމާދުން ފެށިގެން ރޭގަނޑާ ހަމައަށް ކުރާ ހަލާލު މަސައްކަތުން ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައިވެސް އެފަދަ ކަންކަން ބަލައިގެން ވައްކަމުގެ އެއްވެސް މައްސަލައެއް ފެނިފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި މާލޭ ސިޓީ ކައުންސިލްގެ ވާހަކަ ނެތް ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކައަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، ވަކި ކައުންސިލެއްގެ އޮޑިޓް ރިޕޯޓެއްގައި އެހެން ކައުންސިލްތަކުގެ ވާހަކަ ނުހިމެނޭނެކަން މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރުންނަށް އެނގެންޖެހޭނެ ކަމަށެވެ.

މި ސަރުކާރުން އެއްވެސް ކަމެއް ފޮރުވަން ނޫޅޭނެ ކަމަށާއި، މިހާތަނަށް ސިޔާސީ އެއްވެސް ވާދަވެރިއަކަށް އަނިޔާވެރިވެ ޖަލަށްލާފައި ނުވާނެކަމަށް ފަލާހް ވިދާޅުވިއެވެ.