އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެމްބަރުން ހަމަކުރުންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ފެށުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފަލާހް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަގުސަދު ރާއްޖޭގެ ރައްޔިތުންނަށް ދަނީ އެނގި އޭގެ ފޮނިމީރުކަން ލިބެމުންކަމަށެވެ.
ފަލާހް ވިދާޅުވީ ޕީއެންސީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގާތްގަނޑަކަށް 3000 އެއްހާ މީހުންގެ މައްޗަށް އެކުލެވޭ ޕާޓީއެއްކަމަށާއި، ނަމަވެސް އޭގެ ފަހުން 3 އަހަރާ ގާތްކުރާއިރު މިއަދު މި ޕާޓީގެ މެމްބަރުންގެ އަދަދަކީ 79،364 މެމްބަރުންކަމަށެވެ.
ފަލާހް އިތުރަށް ވިދާޅުވީ މި ކޮންގްރެސް ނިމިގެންދާއިރު ޕާޓީގެ މެމްބަރުންގެ އަދަދު 80،000 އަށްވުރެ މަތިވެގެންދާނެކަމަށާއި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 1 ލައްކަ މެމްބަރުން ހަމަކުރުންކަމަށެވެ.
ސިޔާސީ ޕާޓީތައް އުފެދިފައި މިވަނީ މި ގައުމަށް ކުރިއެރުމާއި ލާބައާ މަންފާ ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައިކަން ފާހަގަކުރަމުން ފަލާހް ވިދާޅުވީ ޕީއެންސީ މިހާ ހިސާބަށް ގެނައުމަށް ރައީސް މުއިއްޒު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ އިސްލާހުތަކަކާއެކު އެކުލަވައިލި އާ އަސާސީ ގަވާއިދު، މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ވަނީ ފާސްކޮށް އެންޑޯސްކޮށްފައެވެ. ޕާޓީ އުފެދުނީއްސުރެ މިހާތަނަށް އަސާސީ ގަވާއިދަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކުގެ ތަފުސީލު މަންދޫބުންނާ ހިއްސާކުރުމަށްފަހު، މި ގަވާއިދު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.
މިއަދު ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މާދަމާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
