ރާއްޖޭގައި އެތައް ބިލިއަން ޑޮލަރެއްގެ ބޮޑެތި މަޝްރޫއުތައް ހިންގާއިރު ދިވެހި ކޮންޓްރެކްޓަރުންނަށް ފުރުސަތު ގެއްލެމުންދާތީ، ރިސޯޓު ކޮންސްޓްރަކްޝަނާއި އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކުގެ މަދުވެގެން 30 އިން 50 ޕަސެންޓާ ދެމެދުގެ މަސައްކަތް ދިވެހި ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް ކުރަން ގާނޫނީ ގޮތުން މަޖުބޫރުކުރަންޖެހޭ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މި ބިލަކީ ދިވެހި ވިޔަފާރިތަކަށް ފުރުސަތު ހޯދައިދޭން ގެންނަ އިސްލާހެއް ކަމަށް ބުނި ނަމަވެސް، ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.

މި ސަރުކާރު އައި ފަހުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އެއްކޮށް ހަލާކުވެ، ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުންގެ ފުރުސަތުތައް ގެއްލިފައިވާކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި ކައުންސިލްތަކުން ހިންގާ 4-5 މިލިއަން ރުފިޔާގެ ކުދި މަޝްރޫއުތައްވެސް އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތަކުން ބަންޑަލްކޮށްގެން ދެނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ކަމަށެވެ.

ދިވެހި ވިޔަފާރިވެރިންނަށް ކޯޓާ ނުލިބިގެން އުޅޭއިރު ބޭރު މީހުންނަށް އިންތިހާއަށް ކޯޓާ ލިބޭކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ ބޭރު މީހުން ޕްރޮޖެކްޓްތަކުގެ ނަމުގައި ޑިއުޓީ ފްރީކޮށް މެޝިނަރީ އެތެރެކުރާއިރު ދިވެހިން ޖެހެނީ ބޮޑު ޑިއުޓީއެއް ދައްކަން ކަމަށެވެ. މީގެ އިތުރުން ރާއްޖެއަކީ މުޅި ދުނިޔެއަށް ވޯޓާ ވިލާ އަޅާނެ ގޮތް ދަސްކޮށްދިން ގައުމަށް ވީއިރު، މިއަދު ރިސޯޓުތަކުގައި ފަންގަނޑެއް ޖަހާލަން ނުވަތަ ސަބް-ކޮންޓްރެކްޓެއް ހޯދަންވެސް ދިވެއްސަކަށް ފުރުސަތެއް ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

އިތުރަށް .ޝަމްހީދު ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި މި މައްސަލަތައް އެތައް ފަހަރަކު ފާހަގަކުރެއްވި ނަމަވެސް، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން އެކަމަށް އެއްވެސް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި ސިޔާސަތުތަކަށް ހަރުދަނާ ބަދަލުތަކެއް ނުގެނެސް ކޮންސްޓްރަކްޝަން ދާއިރާއަށް ދިރުމެއް ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.