ރަސްމާލެ މަޝްރޫއާއި އެފަދަ އެހެނިހެން މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން، ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރު ނިންމުމުގެ ކުރިން ނިންމަންޖެހޭ ގިނަގުނަ މުހިންމު މަސައްކަތްތަކެއް މަޖިލީހުގެ ތަޅުމުގަ އާއި ކޮމިޓީ މަރުހަލާގައި އެބަހުރި ކަމަށެވެ. އެހެންކަމުން ދައުރުގެ މުއްދަތު އިތުރުކުރަން ޖެހެނީ އެ މަސައްކަތްތައް ފުރިހަމަކުރުމުގެ މުހިންމުކަން ބޮޑުކަމުންކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ހުށަހެޅުއްވި މި ހުށަހެޅުމަށް މިއަދު މެންދުރުފަހުގެ ދަންފަޅީގައި ނެގި ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 43 މެންބަރުން ވަނީ ދައުރު ދަންމައިލުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މި މަހުގެ ނުވަވަނަ ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ހަތަރު ބިލެއް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެގޮތުން މިހާރު ކޮމިޓީ މަރުހަލާގައިވާ ބިލުތަކަކީ ރިއަލް އެސްޓޭޓް ބިލާއި، ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެވެ. އަދި އަބުރާ ބެހިއްޖެނަމަ ބައި މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލުގެ އިތުރުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ދާއިމަށް މަނާކުރާ އިމިގްރޭޝަން ބިލުވެސް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން ނަމަ، މި އަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި މަޖިލިސް ޗުއްޓީއަށް ދާންޖެހެއެވެ.