ހދ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން ގާއިމްކޮށްނުދީ، އެ ރަށަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހްރޫމްވެ "ވާނުވާގައި" ތިބެންޖެހިފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ކުރި ފެކްޓް ފައިންޑިން މަސައްކަތަށް ފަހު އެޗްއާރުސީއެމަށް ހުށަހެޅި މި މައްސަލައިގައި ވަނީ 300 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ރަށެއްގެ ބެލެނިވެރިކަން ހަނިމާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އަމަލީ ގޮތުން އެ ހިދުމަތްތައް ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި އެމްޑީޕީން ފާހަގަކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހިރިމަރަދޫއަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، އެރަށުގެ ކަންކަން ބެލެހެއްޓުމަށް ހަނިމާދޫ ކައުންސިލުން އެކަށީގެންވާ އިސްކަމެއް ނުދޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި 180 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެ މަސައްކަތް އަދިވެސް އޮތީ އެކަށީގެންވާ މިންވަރަށް ނުފެށިކަން ވަނީ ފާހަގަކޮށްފައެވެ.

"ގަރާރުގައި އެހެން އޮތް ނަމަވެސް 18 މަސްދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް އެޅުމަކީ ނުވާނެ ކަމެއްކަން މިހާރު ޔަގީންވެއްޖެ. އެކަމަށް ކަނޑައެޅި ބިން އަދި ސާފުކޮށް ނުނިމޭ. އެހެންކަމުން . އެ ގަރާރު ބާތިލުކޮށް ހިރިމަރަދޫގައި އަލުން ކައުންސިލެއް ހަދައި އިންތިހާބު ބާއްވަންޖެހޭ" އެމްޑީޕީން ވަނީ ބުނެފައެވެ.

ހަނިމާދޫގައި ގެތައް އަޅައި ނުދެވޭނަމަ، ހިރިމަރަދޫއަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅި ގަރާރު ބާތިލުކޮށް، އެ ރަށުގައި އަލުން ކައުންސިލް އިންތިހާބު ބޭއްވުމަށް އެމްޑީޕީން ގޮވާލާފައިވާއިރި މި މައްސަލައާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު މަޖިލީހުގައި މީގެ ކުރިން ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބިން ދޫކުރުމުގެ މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށެވެ.

ހަނިމާދޫ ކައުންސިލުން ވަނީ އެ ހުއްދައާ ނުލައި ބިން ދޭން އުޅޭ ކަމަށް ބުނެ އެ މައްސަލަ ޕޮލިހަށްވެސް ހުށަހަޅައިފައިވާކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.