އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި ކުރިއަށްދިޔަ ބޭސިކް ކެޑޭޓް ކޭމްޕުގެ ބައިވެރިންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުމާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ މޮނިޓަރ ކުރަން ފަށައިފިއެވެ.
އެޗްއާރްސީއެމުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ، ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މިފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަށް ކަންކަން ބައްޓަންކޮށް ބެލެހެއްޓުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މި ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ދަރިވަރުންނަށް އަވަސް ޝިފާއަކަށް ވެސް އެޗްއާރްސީއެމުން ވަނީ އެދިފައެވެ.
މި ހާދިސާގައި ޖުމުލަ 24 ދަރިވަރަކު ކާނާ ވިހަވެފައިވާއިރު، ފޭދޫ ހެލްތު ސެންޓަރުގައި 12 ދަރިވަރުން އަދި މަރަދޫ ހެލްތު ސެންޓަރުގައި 12 ދަރިވަރުން އެޑްމިޓްކޮށްގެން ވަނީ ފަރުވާ ދީފައެވެ. މި ދަރިވަރުން ކާނާ ވިހަވީ ކޮން އެއްޗެއް ކައިގެން ކަމެއް އަދި ސާފުވެފައި ނުވި ނަމަވެސް، ފަރުވާ ދިން ބައެއް ދަރިވަރުންނަށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސުމާއި، ހޮޑުލެވުމާއި އަދި ބޭރަށް ހިންގުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެކުރިން އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ވެސް ކާނާ ވިހަވުމުގެ ބޮޑު ހާދިސާއެއް ހިނގާފައިވެއެވެ. އެ ފަހަރު ޕޮލިސް ކޮލެޖުގައި ތަމްރީނު ހަދަމުންދިޔަ 32 ދަރިވަރަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިފައެވެ.
