ޒުވާން މަންމައެއްގެ ތިން ދުވަސް ނުވާ ތުއްތު ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އުމުރުން 25 އަހަރުގެ އެ މަންމަ ޓިކްޓޮކްގައި ހިއްސާކުރި އަސަރުގަދަ ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ލިބުނު ދަރިފުޅު، ހޮސްޕިޓަލުން ދޫކޮށްލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ނުރުހުމުގައި ދައުލަތަށް ގެންގޮސްފައެވެ.

ކައިވެނިން ބޭރުން ލިބުނު މި ކުއްޖާގެ ފޫޅު ވެސް ނުވެއްޓެނީސް މަންމައާ ވަކިކުރިއިރު، ދަރިފުޅަށް ނަން ކިޔައި އާއިލީ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާއިން ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރަމުންދާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވީހިނދު، އެކަން ކުރިއަށް ގެންދާނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

މައިންބަފައިންގެ ގާތުގައި ކުއްޖާ ނުބެހެއްޓޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދެން އެންމެ އިސްކަމެއް ދޭނީ ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ފަރާތެއް ހުރިކަމުގައިވާނަމަ، ކުއްޖާ އެފަރާތެއްގެ ގާތުގައި ބެހެއްޓުމަށް ކަމަށް ވެއެވެ. އަދި މިއިން އެއްވެސް ހާލަތެއްގައި ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އެޗްއާރްސީއެމްއިން ބުނީ، ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން މިކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހިއްސާކޮށްފައި ނުވެއެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ސުވާލު އުފައްދަނީ ދައުލަތުން ކުދިން ނަގާ މިންގަނޑުތަކާއި ގާނޫނުތަކާ މެދުގައެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރަންޖެހޭ ސައްހަ ސަބަބެއް ނޫނެވެ.

އަދި ކޯޓު އަމުރެއް ނެތި ކުއްޖާ ނަގައި މިހާރު އެހެން އާއިލާއަކާ ހަވާލުކޮށްފައިވާ ކަމަށް ބުނާ މައުލޫމާތާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެއިތުރުން މަގުމަތީގައި އިހުމާލުވެފައިވާ އެތައް ކުދިންނެއް ތިއްބާ، މަންމައަކު ލޯބިން ދަރިފުޅު ބަލަން ބޭނުންވެފައި ހުއްޓައި މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެ