ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިންއަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ގެއްލުމާ ގުޅިގެން މިދިޔަ މެއި މަހުގެ މެދުތެރޭ ހިންގި ސާޗް އޮޕަރޭޝަނަކީ މުޅި ގައުމު ސިއްސުވާލި ހާދިސާއެކެވެ. މި ނުރައްކާތެރި އޮޕަރޭޝަނުގައި އިސްކޮށް އުޅުއްވި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ގައުމީ ވާޖިބުގައި ހުއްޓާ ނިޔާވި ހަބަރަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. މަހުދީއަކީ މިއަދު ދިވެހިންގެ ހިތްތަކުގައި "ހީރޯ" އެކެވެ. ނަމަވެސް، އެ ބަތަލުގެ ވަދާއީ ލިޔުމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހުރި ކަމަށް ބުނެ، އާއިލާއިން ވަނީ ކަންބޮޑުވުން ހިއްސާކޮށްފައެވެ.
މަހުދީ ނިޔާވި ހާދިސާއާ ގުޅިގެން ނޫސްތަކުގައި ފުރަތަމަ ދުވަހުން ފެށިގެން ލިޔަމުން އައީ އޭނާ ނިޔާވީ ރެސްކިއު މިޝަންގައި އުޅެނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އޭނާގެ ރަސްމީ މަރުގެ ސެޓްފިކެޓްގައި ވެސް ސޮއިކޮށްފައި ވަނީ އެފަދައިންނެވެ. ނަމަވެސް މަހުދީގެ އާއިލާއިން މިކަން ކަނޑައެޅިގެން ދޮގު ކުރެއެވެ.
އާއިލާއިން ބުނާ ގޮތުގައި މަހުދީ ނިޔާވީ ކަނޑުގެ 69 މީޓަރު އަޑީގައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ވެއްދިއިރު ވެސް އޮތީ ފުރާނަ ގޮސްފައެވެ. އޭޑީކޭގެ މެޑިކަލް ޓީމާ ހަވާލާދީ އާއިލާއިން ބުނަނީ، މިފަދަ ކޭސްތަކުގައި އަމަލުކުރާ އުސޫލުން ސީޕީއާރު ދީ ފަރުވާ ދެވޭތޯ މަސައްކަތް ކުރި ނަމަވެސް، ހޮސްޕިޓަލަށް ގެނައިރު ވެސް މަހުދީ އޮތީ ނިޔާވެފައި ކަމަށެވެ. އެހެންކަމުން، މަރުގެ ސެޓްފިކެޓްގައި "ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ" ކަމަށް ލިޔެފައި އޮތުމަކީ ހަގީގަތް އޮޅުވާލުން ކަމަށް އާއިލާއިން ގަބޫލުކުރެއެވެ.
މި މައްސަލައިގެ ހަގީގަތް ހޯދުމަށް އާއިލާއިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މަހުދީއާއެކު އެންމެ ފަހުން ޑައިވިންއަށް ދިޔަ މީހުންނާއި، އޭނާގެ ހަށިގަނޑު ނެގުމުގައި ހަރަކާތްތެރިވި މީހުންނާ ވެސް އާއިލާއިން ވަނީ ބައްދަލުކޮށްފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ އިސްވެރިންނާއި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާ ވެސް ބައްދަލުކޮށް މި ކަންބޮޑުވުން ހިއްސާކުރިއެވެ. އޭޑީކޭއިން ބުނާ ގޮތުގައި މަރުގެ ސެޓްފިކެޓްގައިވާ މައުލޫމާތު އިސްލާހުކޮށްދެވޭނީ އެމްއެންޑީއެފް އިން އެ ހާދިސާ ހިނގި ގޮތުގެ ރަސްމީ މައުލޫމާތު ހިއްސާކުރުމުންނެވެ. ނަމަވެސް، މަހުދީ ނިޔާވިތާ ދެ މަސް ފާއިތުވެގެން ދިޔައިރުވެސް އެމްއެންޑީއެފްގެ ފަރާތުން މިކަމުގައި އެދެވޭ އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން މަހުދީގެ ބައްޕަ ޑިފެންސް މިނިސްޓަރަށް ގުޅުމުން ދެއްވި ޖަވާބަކީ، އެ މައުލޫމާތު ބަދަލުކުރެވެން ނެތް ކަމުގެ ޖަވާބެވެ. މިއީ އެ އާއިލާގެ ހިތް ދެވަނަ ފަހަރަށް ކުދިކުދިކޮށްލި ކަމެކެވެ.
އާއިލާއަށް ދައްކާފައިވާ ގޯޕްރޯ ވީޑިއޯ ފުޓޭޖްތަކުން ފެންނަ މަންޒަރުތަކަކީ ހިތް ފަޅައިގެންދާ ފަދަ މަންޒަރުތަކެކެވެ. ރެސްކިއު މިޝަންގައި އެންމެ ކުރީގައި ހުރީ މަހުދީއެވެ. ކޭވް ތެރެއަށް ވަންނަމުން ދިޔަ ވަގުތު ގައިޑްލައިން ވަކިވެ، މަހުދީ އެހެން ޑައިވަރުންނާ ވަކިވިއެވެ. ނަމަވެސް މަހުދީއަށް އެކަން އެނގޭނެ ފަދަ އެއްވެސް އިޝާރާތެއް އޭނާގެ ފަހަތުގައި ތިބި މީހުން ކޮށްފައި ނުވާ ކަމަށާއި، މަހުދީ ގެއްލުމުން އޭނާ ހޯދަން އުލެ ނުފެނިގެން އެހެން ޑައިވަރުން ވަނީ މައްޗަށް އަރާފައެވެ. މަހުދީ ހޯދުމަށް މެރިން ޕޮލިހުން އެ ސަރަހައްދަށް ގޮސް އޭނާގެ ހަށީގަނޑު ނެގުނީ އޭގެ 80 މިނެޓް ފަހުންނެވެ. "އެހާ ގިނަ ވަގުތު ވީއިރު އޭނާގެ އޮކްސިޖަން ފުޅި ވާނީ ހުސްވެފައި. އޭނާ ފެނުނީ 69 މީޓަރު އަޑީގައި ނިޔާވެފައި އޮއްވާ،" މަހުދީގެ ކޮއްކޮ ކެކުޅުމާއެކު ކިޔައިދިނެވެ.
މީގެ އިތުރުން، މަހުދީ ޑައިވް ކުރި ދުވަހު އަޅާފައިވާ އެމްކޭއައިތްރީގެ ކޮމްޕިއުޓަރުގެ ޑޭޓާ ހުރި ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ނަމަވެސް، އެއިން އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށް އާއިލާއާ ހިއްސާކޮށްފައެއް ނުވެއެވެ. މައްސަލަ ތަހުގީގު ކުރާ އޮފިސަރަށާއި ކޮމިޝަނާ އޮފް ޕޮލިސްއަށް އާއިލާއިން އެތައް މެއިލެއް ކުރެވުނު އިރުވެސް އެއްވެސް ޖަވާބެއް ނުލިބުމަކީ އާއިލާގެ ބޮޑު ޝަކުވާއެކެވެ.
މަރުގެ ސެޓްފިކެޓްގައިވާ ދޮގު މައުލޫމާތުގެ ސަބަބުން އާއިލާއަށް ވަނީ އިދާރީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވާރިސުންގެ ކަންކަމާއި، ބޭންކް ލޯނު ފަދަ ކަންކަން ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އާއިލާ ވަނީ މާޔޫސްވެފައެވެ. ބޭންކުން ކޯޓަށް ދާން ނިންމި ހިސާބަށް ކަންކަން ދިޔައީ މި އިދާރީ ލިޔެކިޔުންތައް ފުރިހަމަ ނުވުމުންނެވެ. ނަމަވެސް ފަހުން ބީއެމްއެލް އިން ވަނީ އެ އާއިލާއަށް ގުޅާ މައާފަށް އެދިފައެވެ. ނަމަވެސް އަދިވެސް ވާޜިސުންގެ ކަންކަން މަޑުޖެހިފައި އޮތް ކަން އާއިލާއިން ހާމަކުރެއެެވެ. "މަހުދީގެ ދަރިންގެ ދަރިންނަށް ވެސް ފެންނަން އޮންނާނީ މި ދޮގު ސެޓްފިކެޓް. އޭގައި އެ އޮތީ ހުސް ދޮގު. އޭޑީކޭގައި ނިޔާވީއޭ ބުނާއިރު އެއީ ކަނޑައެޅިގެން ދޮގެއް،" އާއިލާއިން ބުނެއެވެ.
ގައުމީ ހީރޯއެއްގެ ލަގަބު ދިނުމަށްފަހު، އެ ބަތަލުގެ މަރުގެ ހަގީގަތް ފޮރުވަން މަސައްކަތް ކުރުމަކީ އޭނާގެ ގުރުބާނީއަށް ކުރެވޭ މަލާމާތެކެވެ. އާއިލާގެ އެދުމަކީ ބަޔަކު ހައްޔަރުކުރުމެއް ނޫނެވެ. އެދެނީ ހަމައެކަނި ތެދު ހާމަކޮށް، މަހުދީގެ މަރުގެ ސެޓްފިކެޓްގައިވާ ދޮގު މައުލޫމާތު އިސްލާހުކޮށްދިނުމެވެ. މަހުދީ ނިޔާވީ ކަނޑު އަޑީގައި، ގައުމީ ވާޖިބު އަދާކުރަން ހުއްޓާކަން ތާރީހުގައި ލިޔެވިފައި އޮތުމަކީ އެ އާއިލާއަށް ލިބޭނެ އެންމެ ބޮޑު ތަސައްލީއެވެ.
މަހުދީގެ މަރުގެ މައްސަަ ފުލުހުން ތަހުގީގު ކުރަން ފެށީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. މަހުދީގެ އާއިލާއިން ހުށަހެޅި ޝަކުވާތަކާ ގުޅިގެން މިކަމާ 'ދަ ޕްރެސް' އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ތަހުގީގުގެ މަސައްކަތް މިހާރު އޮތީ ނިމުމާ ވަރަށް ގާތުގައި ކަމަށެވެ.
