ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިންނެވެ.
އެ ދުވަހުގެ ހަވީރު 16:30 ހާއިރު މޫދު ކުލާހުގެ 'ވޯޓާ ބްރޭކް' ވަގުތުގައި އެއްގަމަށް އަރަން ދިޔަ މީހަކު، ނޭވާލާން އުނދަގޫވާ ކަމަށް ބުނުމާ ގުޅިގެން ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ ރޭ 18:14 ހާއިރު އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ނިޔާވި މީހާގެ ހަށިގަނޑު އިތުރު މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްޓަކައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ޓެސްޓުތައް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
