ރައްޔިތުން ވަޒީފާ އަދާކުރުމުގެ ހައްގަށް މި ސަރުކާރުން އަރައިގަންނަމުން ދާކަމަށާއި، މިރޭގެ އިހުތިޖާޖުން ފެނިގެންދަނީ އެފަދަ އަމަލުތަކާ ދެކޮޅަށް އެމްޑީޕީ ތެދުވާނެކަން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން މިރޭ ކުރަމުންދާ އިހުތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމްޑީޕީން ވަނީ މިއީ ސިޔާސީ ދައުވާތަކާއި ވަޒީފާއިން ކެނޑުމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމުގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމާއި، އަނިޔާ ލިބެމުންދާ މުވައްޒަފުންނަށް ޕާޓީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގޭ ހަރަކާތެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީން މި ނުކުތީ ވަޒީފާއިން ކަނޑަމުންގެންދާ މީހުންނާއި، ވަޒީފާގެ ބިރު ދައްކަމުންގެންދާ މީހުންގެ ދިފާއުގައި ކަމަށެވެ. އެގޮތުން ބިރު ދައްކައިގެންނާ އަޅުވެތިކޮށްގެން މި ސަރުކާރަށް ރައްޔިތުން ނުހިފެހެއްޓޭނެކަން މިރޭ ސާބިތުކޮށްދީފިކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައްޔިތުންނަކީ ދައްކާ ބިރަކަށް ފަހަތައް ޖެހޭނެ ބައެއް ނޫންކަމަށާއި، އެމްޑީޕީ ތިބީ ސަރުކާރަށް ގޮންޖަހާ ސަރުކާރު ބަލިކޮށްލުމަށް ތައްޔާރަށްކަމަށެވެ.

މީގެއިތުރުން އެމްޑީޕީ އެނބުރި ވެރިކަމަށް އައުމަށްފަހު ވަޒީފާ ކަނޑާލި ފަރާތްތަކުގެ ވަޒީފާ ރުޖޫއަކޮށްދޭނެކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ފާސްކުރި އިރު، އެ ޕާޓީން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު "ލޫޓުވައިފި" ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފަ އެވެ. އެ މުޒާހަރާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލް މެންބަރު ޒާޔާގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.