ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާއި، ސްޓެލްކޯގެ އިސްވެރިން މަޝްވަރާ ކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑި ގިނަ ގަޑިއިރުތަކެއް ހޭދަ ކުރަން ޖެހުނެވެ. އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ސްޓެލްކޯއިން މި ވަނީ އެޗްޑީސީއާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކޮށްފައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށްޓަކައި، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށެވެ.
ހަމަ އެހެންމެ މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރ އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް ވެސް މަޝްވަރާ ކުރި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެއެވެ.
މެންދުރު ފަހު 3:15 އެހާއިރުން ފެށިގެން ބައެއް ހިޔާ ޓަވަރުތަކުން ކެނޑުނުއިރު އެ މައްސަލަ ދިމާވެފައިވަނީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެންނެވެ.
މައްސަލަ ހައްލުކޮށް، ހުރިހާ ޓަވަރުތަކަށް ކަރަންޓު ދެވުނީ ގާތްގަނޑަކަށް 11:30 ހާއިރުއެވެ. ނަމަވެސް ހުޅުމާލެ 2 ގެ ބީޗު ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް ހިދުމަތް ނުދެވޭ ކަމަށް ސްޓެލްކޯއިން ރޭގަ ވަނީ ބުނެފައެވެ.
ގިނަ ބަޔަކު ދިރިއުޅެމުންދާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް މީގެ ކުރިން ވެސް ކަރަންޓުގެ އެކި މައްސަލަތައް ދިމާވެފައި ވެއެވެ. އެޗްޑީސީއާއި ގުޅިގެން ކުރަމުންދާ މަސައްކަތުން އެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަަމަށް ސްޓެލްކޯއިން ބުނެއެވެ.
