ފ، ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އެ އަތޮޅުތަކުގެ ރަށްތަކުގައި ދެމުންދާ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ކުރެވެމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ސްޓެލްކޯގެ އަމާޒަކީ މި ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ފެނަކަ ކޯޕަރޭޝަން އުވާލާ، އެ ކުންފުނިން ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައެވެ.

ކުރިން މާލެ ސަރަހައްދާއި، ކ، އއ، އަދި ވ. އަތޮޅުގައި އެކަނި ހިދުމަތް ދެމުންދިޔަ ސްޓެލްކޯއިން މިހާރު ދަނީ މަރުހަލާތަކަކަށް ބަހާލައިގެން މުޅި ރާއްޖޭގެ އަތޮޅުތަކުގައި ފެނަކައިން ދެމުންދިޔަ ކަރަންޓާއި ފެނުގެ ހިދުމަތްތަކާ ހަވާލުވަމުންނެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ވަނީ އެކި އަތޮޅުތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކުރުމާ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންކަމަށެވެ.