މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް ކަނޑުމަގުން ކޮންޓެއިނަރު އުފުލުމަށް ވަކި ހާއްސަ ރޭޓުތަކެއް ކަނޑައަޅާ، މިއަދުން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ކަނޑުމަގުން ގެންނަ މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ "ފުލް ކޮންޓެއިނަރު ލޯޑް" (އެފްސީއެލް) ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ތިލަފުށި ކާގޯ ޓާމިނަލަށް ބަދަލުކޮށް، އެ ޓާމިނަލްގައި އެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުކަމަށެވެ.
އެ ހިދުމަތް ފެށި ތާރީހުން ފެށިގެން އިއްޔެގެ (14 ނޮވެންބަރު 2026) ނިޔަލަށް ތިލަފުއްޓަށް އެފްސީއެލް ކޮންޓެއިނަރު ގެންދިއުމަށް ނަގަމުން އައިސްފައިވަނީ، މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކަނޑުމަގުން ކޮންޓޭނަރު ގެންދިއުމަށް ނަގަމުންދާ ޓެރިފް ރޭޓުންކަން އެމްޕީއެލް އިން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މާލެއާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ރިއާޔަތްކޮށް، މި ހިދުމަތަށް އެކަށޭނަ އަގުތަކެއް ކަނޑައެޅުމުގެ މަގުސަދުގައި ގެނައި ބަދަލާއެކު، މިއަދުން ފެށިގެން އަގު ނަގާނީ މި ރޭޓުތަކުގައި ކަމަށް ވަނީ ބުނެފައެވެ. އެގޮތުން:
- 20 ފޫޓުގެ ކޮންޓެއިނަރު 1,500.00 ރުފިޔާ
- 40 ފޫޓުގެ ކޮންޓެއިނަރު 3,000.00 ރުފިޔާ
އެފްސީއެލް ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ތިލަފުށި ކާގޯ ޓާމިނަލަށް ބަދަލުކުރުމުގެ މައިގަނޑު އެއް ބޭނުމަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުން ކުޑަކޮށް، މުދާ ކްލިއާކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުވުންކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން މީގެ ކުރިން ހުޅުމާލެއަށް މުދާ އުފުލާ ރޭޓުގައި ތިލަފުއްޓަށް މުދާ ގެންދަން ޖެހުނު ނަމަވެސް، މާލެއާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ބަލައި ވަކި ހާއްސަ ރޭޓްތަކެއް ކަނޑައެޅުމަކީ ވިޔަފާރިވެރިންނަށާއި މުދާ އެތެރެކުރާ ފަރާތްތަކަށް ހަރަދުގެ ގޮތުން ލިބިގެންދާނެ ލުޔެއްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
