ކަނޑުމަގުން މުދަލާއެކު ހުރިގޮތަށް ކްލިއާކުރާ "ފުލް ކޮންޓެއިނަރު ލޯޑް (އެފްސީއެލް)" ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އަށް ބަދަލުކޮށް، އެ ޓާމިނަލްގައި އެ ހިދުމަތް މިއަދު ފަށައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މި ހިދުމަތް ފަށާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތިލަފުށީގައި ތަރައްގީކުރި 100 މީޓަރުގެ ކީ ވޯލް ސަރަހައްދުގައިކަމަށެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ އޮޕަރޭޝަންކަމަށް ވެސް ވަނީ ބުނެފައެވެ.

އަލަށް ފެށުނު އޮޕަރޭޝަންތަކުގެ ތެރޭގައި "ޑައިރެކްޓް ޑެލިވަރީ"ގެ ގޮތުގައި އެފްސީއެލް ކޮންޓެއިނަރު ކަނޑުމަގުން ކްލިއާކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ހުސް ކޮންޓެއިނަރު ބޭލުމުގެ ހިދުމަތް ހިމެނޭކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑައިރެކްޓް ޑެލިވަރީގެ ގޮތުގައި މީގެ ފަހުން ވެސް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ކްލިއާކުރެވޭނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ، ކާގޯ ކްލިއަރަންސްގެ ހިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް އެމްޕީއެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީގް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި "ލެސް ދެން ކޮންޓެއިނަރު ލޯޑް" ގެ ގޮތުގައި ގެންނަ ކާގޯ ކްލިއާކުރުމުގެ ހިދުމަތް ވެސް ތިލަފުށީގައި ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީން ދަނީ ކުރަމުންނެވެ.

މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް ބުނެފައިވާއިރު، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ވަނީ ފަށައިފައެވެ.