ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވަނީ އޯޓިސްޓިކް މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ބާރުއަޅުއްވައި މުހިންމު މެސެޖެއް ދެއްވާފައެވެ.

އެކްސް މެދުވެރިކުރައްވައި މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯޓިޒަމް ހޭލުންތެރިކުރުމުގެ ދުވަހު އަޅުގަނޑުމެން ބާރުއަޅަންޖެހޭނީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ތަބީއީ ކަރާމާތާއި، އެއްވެސް ޝަރުތެއް ނެތި އެމީހުންގެ އަގުވަޒަންކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެއީ މުޖުތަމައުގައި މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ބައެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދު އަޅުގަނޑުމެންގެ ސަމާލުކަން ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، "ނިއުރޯޑައިވާސިޓީ" ބަލައިގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކުން އެކަން ދައްކުވައިދީ، އެންމެން ހިމެނޭ ފަދަ (އިންކްލޫސިވް) މުޖުތަމައެއް ކަށަވަރުކުރުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، މުޖުތަމައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކާމިޔާބީ ހާސިލުކުރެވޭނީ އޯޓިސްޓިކް މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައިގެން ކަމަށެވެ. ވަކިން ހާއްސަކޮށް ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ފަރުވާ ހޯދުމުގައި ހުރި ދަތިތައް ނައްތާލަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އޯޓިޒަމް ހުންނަ ކޮންމެ މީހަކަށްވެސް ހަމަހަމަ ހައްގުތަކާއި މިނިވަންކަމާއެކު ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ، މުޅި މުޖުތަމައުގެ ކުރިއެރުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.