ރާއްޖޭ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ސިޔާސީ މަސްރަހުގައި ހިންގަމުން އަންނަ ކަންކަމަށް ވާހަކަދައްކައި ފާޑުކިޔަމުން ގޮސް އޯޓިޒަމް އަދި ޑައުން ސިންޑްރަމް ކުދިންނަށް ޖޯކު ޖަހައިފިއެވެ.

"ރާއްޖެ ޓީވީން" ރޭ ގެނެސް ދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމްގައި ޕްރެސެންޓަރު ހުސައިން ރަމީޒާއެކު އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ރޭ ދެއްކި އެ ޕްރޮގްރާމްގައި މި ސަރުކާރަށް ފާޑުކިޔައި ގިނަ ވާހަކަތަކެއް ދައްކާފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިއަކަަށް ރައީސް މުއިއްޒު ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަޔާޒް ވަނީ ރައީސް މުއިއްޒު އަކީ އޯޓިޒަމް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދަދު ނޫހުގެ ސީއީއޯއަށް ރައީސް މުއިއްޒު ގުޅުއްވި އިރު، ނޫސްވެރިއަކަށް އެފަދަ ބޭފުޅަކު ގުޅުއްވައިފި ނަމަ ކޯލު ރިކޯޑު ކުރާނެ ކަން މުއިއްްޒަށް އެނގިވަޑައިނުގަތީ އޯޓިޒަމް ހުރުމުން ކަމަށް ވިދާޅުވެ ޖޯކު ޖެެއްސެވިއެވެ.

އެއާއެކު މޮސްޓާ ވަނީ އޯޓިޒަމް އެކަނި ނޫން ކަމަށާއި އެމަނިކުފާނަކީ ޑައުން ސިންޑްރަމް ވެސް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު ޕްރެޒެންޓަރު ރަމީޒާ އެކު އެ ދެބޭފުޅުން ވެސް ހިނިގަނޑެއް ޖައްސަވާލައްވައެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ބޭފުޅުން އިހްތިރާމް ނުކުރާ ކަމަށް ބުނެފައެވެ. އޯޓިޒަމް ފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން ދެރަކޮށްލައި އެމީހުންނަކީ ދަށު ދަރަޖައިގެ ބައެއް ކަމަށް ދައްކުވައި ސިޔާސީ މަސްރަހުގައި ވާ ކަންކަމަަށް އަލި އަޅުވާލައިގެން އެ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެފަދަ ބަލިތައް ހުންނަ މީހުންނާއި ކުދިން ބަލަހައްޓަމުން އަންނަ އާއިލާތަކަށް ވެސް މިއީ ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އަދި ޓީވީން ދައްކައި ޕްރޮގްރާމެއްގައި މިފަދަ ވާހަކަ ދެއްކުމަކީ އެފަދަ ކުދިންނާއި މީހުންނަކީ ގަމާރު ބައެއްގެ ގޮތުގައި ސިފަ ކުރުން ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖެ ޓީވީން ދެއްކި ޕްރޮގްރާމްގައި ދެއްކި މި ވާހަކަ އެތައް ބަޔަކު ކުށްވެރިކުރަމުން އައި ނަމަވެސް އަދި މި ވަގުތާ ހަމައަށް ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން އެވާހަކަ ކުށްވެރި ކޮށްފައެއް ނުވެއެވެ.