އާންމުންގެ ފާޑު ކިޔުންތަކާއެކު ރާއްޖޭ ޓީވީން ދެއްކި ޕްރޮގްރާމެއްގައި އޯޓިޒަމް އަދި ޑައުން ސިންޑްރަމް ކުދިންނަށް ޖޯކު ޖަހައި ދެއްކި ވާހަކަތަކަށް އެ ޓީވީ ސްޓޭޝަނުން މާފަށް އެދެފިއެވެ.
އިއްޔެ ރޭ "ރާއްޖެ ޓީވީން" ގެނެސް ދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމްގައި ޕްރެސެންޓަރު ހުސައިން ރަމީޒާއެކު އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އެ ޕްރޮގްރާމްގައި މި ސަރުކާރަށް ފާޑުކިޔައި ގިނަ ވާހަކަތަކެއް ދައްކާފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ.
އެގޮތުން ނޫސްވެރިއަކަަށް ރައީސް މުއިއްޒު ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަޔާޒް ވަނީ ރައީސް މުއިއްޒު އަކީ އޯޓިޒަމް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދަދު ނޫހުގެ ސީއީއޯއަށް ރައީސް މުއިއްޒު ގުޅުއްވި އިރު، ނޫސްވެރިއަކަށް އެފަދަ ބޭފުޅަކު ގުޅުއްވައިފި ނަމަ ކޯލު ރިކޯޑު ކުރާނެ ކަން މުއިއްްޒަށް އެނގިވަޑައިނުގަތީ އޯޓިޒަމް ހުރުމުން ކަމަށް ވިދާޅުވެ ޖޯކު ޖެެއްސެވިއެވެ.
އެއާއެކު މޮސްޓާ ވަނީ އޯޓިޒަމް އެކަނި ނޫން ކަމަށާއި އެމަނިކުފާނަކީ ޑައުން ސިންޑްރަމް ވެސް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު ޕްރެޒެންޓަރު ރަމީޒާ އެކު އެ ދެބޭފުޅުން ވެސް ހިނިގަނޑެއް ޖައްސަވާލައްވައެވެ.
ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި އެފަދަ ވާހަކަތަކެއް ޕްރޮގްރާމްގައި ދެއްކުމާ ގުޅިގެން އެއީ އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ގޮތަށް ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ، ގިނަ ބަޔަކު ދިޔައީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އެފަދަ ވާހަކައެއް ޓީވީ ސްޓޭޝަނެއްގައި ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކުރީގެ ބައެއް އިސްވެރިން ވެސް އެކަމާ ދެކޮޅަށް ބަސް ބުނެފައި ވެއެވެ.
އެގޮތުން ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މީހުންގެ ނުކުޅެދުންތެރިކަމަކީ އެއިން މިސާލު ޖެހޭނެ ކަމެއްނޫންކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ވެސް މިއީ އެފަދަ ބަލިތައް ހުންނަ މީހުންނާއި ކުދިން ބަލަހައްޓަމުން އަންނަ އާއިލާތަކަށް ވެސް ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނެ ނުރުހުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖެ ޓީވީން ރޭ ވަނީ އެކަމަށް މާފަށް އެދި ކުރު ބަޔާނެއް ނެރެފައެވެ.
އެގޮތުން އެ ބަޔާނުގައި ބުނީ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން، ރައީސްއަށް ނިސްބަތް ކުރައްވާ، "މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ." އެ އިބާރާތް ބޭނުންކޮށްފައިވާ ކަމަށެވެ.
ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ދީފައި ވެއެވެ.