އޯޓިޒަމް ކުދިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދޮރު ވަނީ ހުޅުވާލެވިފައި ކަމަށާއި ގޮވާލި ކޮންމެ ކަމަކަށް އިޖާބަދެއްވާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ "އާޓް އޮފް މައިންޑް"ގެ މި އަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް އެމްއޭސީއެލް އޮތީ ތައްޔާރަށް ކަމަށާއި، އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.

ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، މިއީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށެވެ. ޝަރީފު އިތުރަށް ވިދާޅުވީ ތަފާތު ނުކުޅެންތެރިކަން ހުންނަ ފަރާތްތަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނަ ކަމަށާއި، އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް ވަނީ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު ބޭއްވި "އާޓް އޮފް މައިންޑް" މައުރަޒުގައި ދައްކާލި ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާކަން ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.

2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރެވުނު ސަބަބަކީ އެފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖްތަމައު އަށް އަންގައިދިނުމުގެ ބޭނުމުގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. އަދި އެކުދިންނަކީ ތަފާތުތަކާއި އެކު ވެސް މުޖްތަމައު ބަލައިގަންނަ ބަޔަކަށް ހެދުމުގެ އިތުރުން މުޖްތަމައުން އެފަދަ ކުދިންނާއި މެދު ދެކޭގޮތް ރަނގަޅު ކުރުން ކަމުގައިވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ އޯޓިޒަމް ދުވަހާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އޯޓިޒަމް ތަހައްމަލު ކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މުހިންމު އަގުހުރި ދަރިއެއްކަމަށް ވިދާޅުވެފައެވެ.