މާލެ ސަރަހައްދުގައި ކުރިއަށް އޮތް ރޯދަމަހު މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކަނޑައަޅައިފިއެވެ.

މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާ، ބަރު އުޅަނދުތައް ދުއްވުމާ އަދި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއް ވަނަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ވައްތަރެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މި ދުވަސްތަކުގައި މުދާ އުފުލުމަށް ބޭނުން ކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތަކަކީ ހެނދުނު 6:00 އިން 9:30 އާ ދެމެދު އަދި ހަވިރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.

ހަމައެއާއެކު ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ވައްތަރެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މި ދުވަސްތަކުގައި މުދާ އުފުލުމަށް ބޭނުން ކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާ، މުދާ އުފުލުން މަނާ ގަޑިތަކަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.

މިނިސްޓްރީން ބުނީ މި އެންގުމާ ހިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.