އެޑްނާ އާދަން އިސްމާއިލް އުފަންވީ އޭރުގެ ބްރިޓިޝް ސޯމާލީލޭންޑްގެ ހަރްގޭސާގައި ސެޕްޓެމްބަރު 8، 1937 ގައެވެ. އޭނާ އަކީ ސޯމާލިއާގެ މަޝްހޫރު މެޑިކަލް ޑޮކްޓަރެއްގެ ދިރިއެކެވެ. އެޑްނާގެ މަންމައަށް ފަސް ކުދިންގެ ލިބުނުއިރު ވިހެއުމުގެ ތެރޭގައި ދެ ކުދިންވަނީ މަރުވެފައެވެ.

އެ ދުވަސްވަރު ސޯމާލިއާގައި އަންހެން ކުދިންނަށް ތައުލީމު ދިނުމަކީ ކުރާކަމެއްކަމުގައި ނުވިނަމަވެސް އޭނާގެ ބައްޕަ ބައެއް ފިރިހެން ކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރޭގައި އެޑްނާވެސް ވަނީ ލިޔަން ކިޔަން ދަސްކޮށްފައެވެ. އަދި ފަހުން އޭނާގެ ބޮޑުދައިތަ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ޖިބޫޓީގެ ސްކޫލުން އޭނާ ވަނީ ތައުލީމު ހާސިލްކޮށްފައެވެ.

އޭރު އަންހެންކުދިން ހިތާނުކުރުމަކީ އާދަކާދައިގެ ތެރޭގައި ކުރަމުން އައި ކަމެއްކަމުން އެޑްނާގެ އުމުރުން 8 އަހަރުގައި އޭނާގެ މަންމަ އާއި މާމަ ވަނީ އެޑްނާ ހިތާނުކޮށްފައެވެ. މި ކަން ހިނގި އިރު އެޑްނާގެ ބައްޕަހުރީ ވިޔާފަރި ދަތުރެއްގައި އެހެން ސަރަހައްދެއްގައެވެ. އަދި ފަހުން މިކަން އެގުމުން އޭނާގެ ބައްޕަވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކޮށްފައެވެ. މި ހާދިސާގެ ސަބަބުން އެޑްނާއަށްވެސް ވަރަށް ބޮޑު އަސަރެއްކުރިއެވެ. އަދި މިފަދަ ކަމެއް އެހެން އަންހެނުންނަށް ކުރިމަތިވުމަށް ބޭނުންނުވާތީ އެޑްނާ ވަނީ ލަންޑަން ސައުތު ބޭންކް ޔުނިވާސިޓީ (ބޯރޯ ޕޮލިޓެކްނިކް)ގައި ނަރުސްކަމުގެ އިތުރުން ފޫޅުމައިކަންވެސް ކިޔަވާފައެވެ.

އެޑްނާ -2019 ވަނަ އަހަރު ފޯރަމެއްގައި ވާހަކަދައްކަނީ

އެޑްނާއަކީ އިނގިރޭސިވިލާތުގައި ކިޔެވި ފުރަތަމަ ސޯމާލިއާ އަންހެން މީހާގެ އިތުރުން ސޯމާލިއާގެ ފުރަތަމަ ކޮލިފައިޑް ނަރުސް-މިޑްވައިފްއެވެ. އަދި އޭނާ އަކީ ސޯމާލިއާގައި ފުރަތަމަ ވެހިކަލް ދުއްވަން ފެށި އަންހެން މީހާއެވެ. ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް 1980 ވަނަ އަހަރު އެޑްނާ ވަނީ ސޯމާލިޔާގެ ވެރިރަށް ހަރްގޭސާގައި ހޮސްޕިޓަލެއް އަޅަން ފަށާފައެވެ. އެހެންނަމަވެސް 1981 ވަނަ އަހަރު ސޯމާލިއަންގެ މިނިވަން ހަނގުރާމަ ފެށުމުން އެގައުމު ދޫކޮށްދާން އޭނާއަށް މަޖުބޫރުވިއެވެ. އަދި ފަހުން އެނބުރި ސޯމާލިއާ ގޮސް އަނެއްކާވެސް އޭނާވަނީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

އެޑްނާ މެޓާނިޓީ ހޮސްޕިޓަލް ހުޅުވީ މާޗް 9، 2002 ގައެވެ. ހަނގުރާމައިގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު މަރުވެ ދާއިރާގައި މަސައްކަތްކުރާނެ މީހުން މަދުވުމާ ގުޅިގެން އެޑްނާވަނީ އޭރު 30 ސިއްހީ އެހީތެރިން ތަމްރީނުކޮށްފައެވެ. 2018 ވަނަ އަހަރާއި ހަމައަށް އެ މެޓާނިޓީ ހޮސްޕިޓަލުގައި 200 ނަރުހުން ތިބިއިރު އެޑްނާ ހޮސްޕިޓަލުގެ އެންމެ ބޮޑު އެއް މަގްސަދަކީ އާދައިގެ ރައްޔިތުންގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީތެރިވުމެވެ. ހާއްސަކޮށް މާބަނޑުމީހުންނާ، ތުއްތު ކުދިން މަރުވާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން އެކަށީގެންވާ ސިއްހީ ފަރުވާ ހޯދައިދިނުމަކީ އެ ހޮސްޕިޓަލުގެ އެއް މަގުސަދެވެ. އެޑްނާ އެ ހޮސްޕިޓަލު ހިންގަމުން އައީ ނޮން ޕްރޮފިޓް، ޗެރިޓީ ހޮސްޕިޓަލެއްގެ ގޮތުގައެވެ.

އެޑްނާ ހޮސްޕިޓަލް

މީގެ އިތުރުން 2010 ވަނަ އަހަރު އެޑްނާ ވަނީ ސިއްހީ ދާއިރާއިން ތައުލީމު ދިނުމަށް ޔުނިވާސިޓީއެއް ހުޅުވާފައެވެ. 2018 ވަނަ އަހަރު އެ ޔުނިވާސީޓީގައި 1500 ކުދިން ތަމްރީންވަމުން ދިޔައިރު އެ ޔުނިވާސިޓީގެ އެންމެ ބޮޑު މަގްސަދަކީ ތައުލީމު ދިނުމުގައި ހުރި ތަފާތުކުރުން ނައްތާލާ، ސިއްހީ ދާއިރާގައި މީހުން ބިނާކުރުމެވެ.

ސޯމާލިއާގެ މިނިސްޓަރު އޮފް ފެމިލީ ވެލްފެއާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓްގެ މަގާމުވެސް އަދާކުރެއްވި އެޑްނާ ވަނީ 2003 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސޯމާލިޔާގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އޭނާއަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސޯމާލިޔާ ސަރުކާރުގެ އިންނެވި ހަމައެކަނި އަންހެން ވަޒީރެވެ. ސަރުކާރުގައި މަސައްކަތްކުރުމުގެ އިތުރުން ސޯމާލިޔާގެ ރައްޔިތުންނަށް ޑިމޮކްރަސީ ގެނެސްދިނުމުގައި ވަކާލާތުކުރަމުން އަންނަ އެޑްނާވަނީ 2022 ވަނަ އަހަރުގެ މާޗް މަހު އަންރެޕްރެޒެންޓެޑް ނޭޝަންސް އެންޑް ޕީޕަލްސް އޮގަނައިޒޭޝަންގެ ރައީސް ކަމަށް އިންތިހާބުވެފައެވެ.

އެޑްނާ

އެޑްނާއަކީ ސޯމާލިއާގެ އަންހެން ކުދިންނާ، އަންހެނުންނަށް އެހީތެރިވުމުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ. އޭނާ އަކީ ހަރްގޭސާ ގައި ހުންނަ އެޑްނާ އާޑަން މެޓަނިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރު އަދި ބާނީގެ އިތުރުން އަންހެނުން ހިތާނުކުރުމާ ދެކޮޅަށްކުރާ މަސައްކަތުގައި އިސްވެ އަޑުއުފުލަމުންދާ ފަރާތެކެވެ.

އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ހާއްސަ ޖަމިއްޔާގެ ރައީސް ވެސްމެއެވެ. 2022 ވަނަ އަހަރުގެ މާޗް މަހު އޭނާ ވަނީ އަންރެޕްރެޒެންޓެޑް ނޭޝަންސް އެންޑް ޕީޕަލްސް އޮގަނައިޒޭޝަންގެ ރައީސް ކަމަށް ވެސް ވަޑައިގެންފައެވެ. އެޑްނާގެ މަސައްކަތުގެ އަގު ވަޒަންކޮށް އޭނާއަށް ގިނަ އެވޯޑްތަކެއް ދީފައިވާއިރު 2019 ވަނަ އަހަރު އެޑްނާ ވަނީ 'އަ ވުމެން އޮފް ފަސްޓްސް 'ގެ ނަމުގައި އޭނާގެ ހާޔާތުގެ ވާހަކަ ލިޔެފައެވެ.