އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް މާލޭގައި ގާއިމްކުރާ "ދަނޑުވެރިންގެ ބާޒާރު"ގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން، ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށް މިކަން އަންގަފާއިވާއިރު އެ ވުޒާރާއިން ބުނީ، މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ދަނޑުވެރިކަމާބެހޭ ވުޒާރާއަށް އެންގެމަށް އެދިފައިވާ ކަމަށެވެ. އަދި ނަން ހުށަހަޅާ ރަށްރަށަށް ބަލައި، އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓު ގާއިމްކުރާނެ ވަކި ތަނެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ބާޒާރުގެ މަގްސަދަކީ ރޯދަ މަހަށް ހާއްސަކޮށްގެން ރަށްރަށުން މާލެއަށް ގެންނަ ދަނޑުވެރިކަމުގެ އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން މި މާރުކޭޓުގައި ވިއްކޭނީ ރާއްޖޭގެ ރަށްރަށުގައި ހައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. އަދި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރިއެއް ނުވެވޭނެއެވެ.
މިއަހަރުގެ ރަމަޟާން މަހު މާލޭ ހާބަރު ސަރަހައްދުގައި ގާއިމްކުރި ވަގުތީ މާރުކޭޓަށް ބޮޑު ތަރުހިބެއް ލިބިފައިވެއެވެ.
