އައްޑުއަތޮޅު ހިތަދޫ ހަތް ފަހަރު ފަޅުވެފައި އަލުން އާބާދުވި ވާހަކައަކީ އައްޑޫގެ އެންމެންގެ މެދުގައިވެސް ދެކެވޭ ވާހަކައަކަށްވާއިރު އެންމެ ފަހުން ހިތަދޫ ފަޅުވި ހާދިސާގެ ވާހަކަ ފިޔަވައި، އޭގެ ކުރިން ފަޅުވި ފަހަރުތަކުގެ ވާހަކައެއް މާ ބޮޑަށް ދެކެވިފައެއް ނުވެއެވެ. އެދުވަސްވަރު ހިތަދޫ ފަޅުވުމާއި ބެހޭ ގޮތުން ދޫދޫމަތިން ދެކެވެމުން އަަންނަ ވާހަކަތައް އަސްލަކަށް ބަލައިގެން ގިނަ ވާހަކަތަކެއް އައިސްފައިވާއިރު އެއީ މީގެ 405 ވަރަކަށް އަހަރު ކުރީގެ ވާހަކައެކެވެ. ހިތަދޫ އެންމެ ފަހުން ފަޅުވީ ބޮޑު ރަސްގެފާނުގެ ދުވަސްވަރުގައި ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާއިރު އެއީ ވަރަށް 'އަޖައިބުކުރުވަނިވި' ހާދިސާއެކެެވެ.

ހިތަދޫ ފަޅުވުން:

މި ފްލޯކް ވާހަކަ ފެށިގެން އަންނަނީ ހިތަދޫ ކައރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ ކައްބޯ ހެރައިންނެވެ. އެއީ ބިންގަނޑު ތިރި ވިނަ ހެދުން މަދު ރަށެކެވެ. ކައްބޯ ހެރައިގައި ފެށުނު 'ދިޔޯ' ގެ ކުޅިވަރުތަކާއެކު ހިތަދޫ ޖައްވު ގަދަ ރީނދޫ ކުލައަށް ބަދަލުވެ ރަށުތެރެއިން ފާޑުފާޑުގެ އަޑު އިވަން ފަށައިފިއެވެ. މުޅި ރަށުތެރެއަށް ވެރިވާން ފެށި ނާމާންކަމާ އެކު އޮއްސޭ އިރާއެކު މީހުން ގޭގެއަށް ވަދެ ރައްކާތެރިކަން ހޯދައެވެ. މަސް ވެރިކަމާ ދަނޑުވެރިކަން ހުއްޓި ރަށުގެ ރޯދި ބަރަކާތްކެޑި ބިރުވެރިކަމާއި ނާމާންކަން ވެރިވެއްޖެއެވެ.

އައްޑޫ ހިތަދޫ ފަޅުގައިވާ ރަށްތައް / ފޮޓޯ: އާމިނަތު ހާލިސާ، ދަ ޕްރެސް

މި ބިރުވެރިކަމުގެ ތެރެއިން ދެން ފެންނަން ފެށީ އަދި މުޅިން އާދެޔާ ހިލާފު ކަމެކެވެ. ބިރުން އުޅުނު މީހުން ކައްބޯ ހެރައިން ފެންނަ އަލިތަކާ، އިވޭ އާދަޔާހިލާފު އަޑުތަކުގެ އަވާގައި ޖެހިއްޖެއެވެ. އަމިއްލަ ބާރު ގެއްލި އެ ރަށުގައި ހިނގާކަމެއް ބެލުމުގެ ޝައުގުވެރިކަން އުފެދިއްޖެއެވެ. އެ ރަށުގައި ކުޅެމުން ގެންދިޔަ ވަސްވާހުގެ މިއުޒިކަށް ހެއްލިއްޖެއެވެ.

ކައްބޯ ހެރައިން އިވޭ މިއުޒިކުގެ ދަމާ ބާރާ އެކު މީސްތަކުން ނަަލަ ހެދި ގަހަނާ އަޅައިގެން ކައްބޯހެރައަށް ދާން ފަށައިފިއެވެ. އެތަނުގައި ހިނގާ ކުޅިވަރުގައި ބައިވެރިވެ އެ އުފާ ހޯދުމަށް އެ ރަށަށް ދާ އެއްވެސް މީހަކު އެބުރި ނާދެއެވެ. ބައެއް މީހުންނަށް ހީވެފައި އޮތީ އެ ރަށަށް ދާ މީހުންނަށް ލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އެބުރި ނައަންނަނީ ކަމަށެވެ. ދެން އެމީހުން ހޯދުމަށް އަނެއްކާވެސް ކޮންމެވެސް ބަޔަކު އެ ރަށަށް ދެއެވެ. އެހެން ދާ ބަޔަކުވެސް އެބުރި ނައިސް ރަށުގެ އާބާދީގެ ބޮޑު ބައެއް ހުސްވެއްޖެއެވެ.

ފަންޑިތަވެރިންގެ ހޯދުންތަކުން މިއީ ނުރައްކާތެރި ފުރޭތައެއްގެ ސަބަބުން ވާ ކަމެއްކަން އެގުނު ނަމަވެސް އެމީހުންނަށް ވެސް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. މި ހިސާބަށް ދިޔުމުން ބާކީ ތިބި ބަޔަކު ގޮވައިގެން ފަންޑިތަވެރިންވެސް މަސް ދޯނިތަކަށް އަރައިގެން ރަށުން ފައިބައިފިއެވެ. އޮޑި ދޯނި ފަހަރުގައި އަތޮޅުގެ އެހެން ރަށްރަށާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ފުރައިގެން ހިގައްޖެއެވެ. އެހާ ހިސާބުން ހިތަދޫ 7 ވަނަ ފަހަރަށް ފަޅުވީއެވެ.

ހިތަދޫ ފަޅުތެރޭގައި ވާ ފަޅު ރަށްތައް

މި ފްލޯކް ވާހަކައިގެ އަނެއް ފަރާތް:

އެދުވަސްވަރަކީ ޕޯޗުގީޒުންގެ ނައުފަހަރު ދިވެހިރާއްޖެއަށް އާއްމުކޮށް އައިސް ދިވެހިންނާ ތޮޅެމުން ދިޔަ ދުވަސްވަރެވެ. އަދި އެއީ އިންޑިޔާ ކަނޑުގެ ކޮންޓްރޯލް ހޯދުމަށް ޕޯޗުގީޒުންނާ، ޑަޗް މީހުން އުޅުނު ދުވަސްވަރެވެ. އިންޑިޔާއަށް ދާއިރު ވަރަށް ގިނަ ފަހަރަށް ރާއްޖެ ހުރަސްކުރަން ޖެހޭއިރު ވައި ހުންނަ ގޮތުން ރާއްޖޭގެ ދެކުނުންވެސް ދަތުރުކުރަންޖެހެއެވެ.

އެވޭލާ ޒަމާނުގައި ހިތަދޫގެ ބޭރު ބަނދަރަކީ ކޯއްޓޭ ގޮނޑު ކަމުގައިވާއިރު އެތެރޭ ބަނދަރަކީ މިހާރު ވެސް ބޭނުން ކުރާ އެތެރެ މާކޮލެވެ. އެހެންކަމުން އެފްރިކާގެ އައްސޭރީގައި ތިބެފައި ރާއްޖޭގެ ހުޅަނގު ބިތުން ވަދެގެން އަންނަ ބަޔަކަށް ކޯޓޭ ގޮނޑު ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ޑަޗު މީހުންނަށް ފިލަން ޕޯޗުގީޒް މީހުން އަޔަސް އަދި ޕޯޗުގީޒުންނަށް ފިލަން ޑަޗް މީހުން އަޔަސް އެތަނަށް ވަނުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ވަގުތީ ހިޔަލެއްގެ ގޮތުގައި ދުވަސްކޮޅަކަށް މަޑުކުރަން ޖެހުނަސް ބޮޑެތި އަރުމާޒުތަކުން އަންނަ މީހުން މުނިފޫހިފިލުވުމާ، ވަރުބަލިވެ ފިލުވާލުމަށް މަޖާކުރުމަށް ގިނަ ކަންތައްތަކެއް ކުރާނެއެވެ. އެގޮތުން ބޭންޖަހުމާ، ބެރުދުންމާރި ތާޅަފިލި ފުމުމާ، ހަވާގެ ކުޅިވަރު ކުޅުމުގެ އިތުރުން ފާޑުފާޑުގެ ބުއިންތައްވެސް ގެންގުޅޭނެއެވެ.

އައްޑޫ ސިޓީ ހިތަދޫ / ފޮޓޯ: އަލީ ނަސީރު

ކަށްބޯހެރައަކީ ކޯއްޓޭ ގޮނޑުގައި ތިބޭ ބަޔަކާއި ނުހަނު ގާތުގައިވާ ރަށަކަށްވާއިރު އެތަނުގައި ތިބެގެން ރާބޮއެ މިއުޒިކް ކުޅެ ލަވަކިޔައި ސަކަރާތް ޖެހުމަކީ އެފަދަ ބަޔަކު ކުރުން އެކަށީގެންވާ ކަމެކެވެ. އަދި އެ މަންޒަރު ބަލަންދާ އަންހެންވެރިންގެ އިފަތްތެރިކަން ފޭރި އެކަމާ ނުރުހޭ މީހުން މަރާލުމަކީވެސް އެ މީހުން ކޮށްފާނެކަމެއް ކަމުގައި ތާރީހު ދިރާސާކުރާ ފަރާތްތަކުން އެއްބަސްވެއެވެ. ހިތަދޫ މަތިން ފެންނަ އައްޔާ، އިވާ އަޑަކީ އެމީހުންގެ މޫނިފޫހިފިލުވުމުގެ ތެރެއިން ދައްކާލާ ކުޑަކުޑަ މަންޒަރަކަށްވާއިރު މިއީ ފަންޑިތަވެރިންނަށްވެސް މައިތިރިކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އެކަން ހުއްޓުވާނެ ގޮތެއް ނެތި އެއީ ދިޔޯގެ ކުޅިވަރުތައް ކަމަށް ނިންމާ އެ ރަށް ދޫކޮށް ހިޖުރަކުރީއެވެ.

ހިތަދޫ އަލުން އާބާދުވީ ގޮތުގެ ވާހަކަ ދިވެހި ތާރީހުގައި ބަޔާންކޮށްފައިވާ ގޮތް:

ބޮޑުރަސްގެފާނުގެ ދައުރުގައި ރާއްޖެއާ ތޮޅެން އަންނަ ނައުތަކާއި ގުރާބުތައް ފަރުފަރަށް އުރުވާލުމާ، އެނައުތަކުން ގެންނަ ބަޑި އާއި ބަޑިބޭސް ދިވެހިންނަށް މިލްކުވުމަށް މަގުފަހިކުރުމަށް ފަންޑިތައެއް ހެއްދެވިއެވެ. ބޮޑުރަސްގެފާނުގެ ފަންޑިތަ ޓީމުގެ އިސް ދެމީހުންނަކީ އައްޑޫ މީދޫ ދޮން އުމަރާއި ދޮން ހުސައިން ކަލޭގެއެވެ. މި ފަންޑިތަ ހެދުމުގެ އަގަކަށް އެދެބެއިން ހުށައެޅީ ހިތަދޫ ފަޅުވެފައި އޮންނާތީ އެރަށް އެދެބެއިންނަށް ދިނުމެވެ. އަދި އެރަށް އަލުން އާބާދު ކުރުމުގެ އިޒުނައެވެ. ހިތަދޫ އަލުން އާބާދު ކުރުމުގެ ކަންކަމުގެ މޭސްތިރިއަކަށް އައްޔަން ކުރެެވުނީ އޭރު ދައުލަތުގެ ދާހިލީ ވަޒީރު މީދޫ ހަނދެއިގިރި ތަކުރެވެ. އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ އާބާދުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ދޮން އުމަރާ، ދޮން ހުސައިން ކަލޭގެ އިތުރުން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރި ބޮޑު ފާތުމާފާނެވެ.

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ ސަރަހައްދު / ފޮޓޯ: ތޮލާލް

ހިތަދޫ ފަޅުވީ ދިޔޯގެ ކުޅިވަރުގެ ސަބަބުންކަމުގައި ބުނެ އެ ވާހަކަ ގަބޫލުކުރާ ބަޔަކު އަދިވެސް އުޅެއެވެ. ކައްބޯހެރައިގައި އަދިވެސް މިނީ ކަށިތަކާއި، އެތަނަށް ދިޔަ މީހުންގެ ގަހަނާތައް ފެންނަން ހުންނަ ވާހަކަދެކެވެއެވެ. އެ ރަށް ފަޅުވީ ޖިންނި ޝައިތާނުންގެ ކުޅިވަރުންކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތްއިރު އެއީ ބޭރުގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވި ކަމެއްކަން ސާބިތުކޮށްދެވޭނެ ހެއްކެއްވެސް ނެތެވެ. އެކި ދުވަސްވަރު ހިނގާފައިވާ ހާދިސާތައް އެއްކޮށްލައިގެން އެކި ގޮތްގޮތަށް މި ވާހަކަ ދެކެވުނު ނަމަވެސް މިކަމުގެ މާ ބޮޑު ހަގީގަތެއް އަދިވެސް ހޯދިފައެއް ނެތެވެ.