ތައުލީމީ ދާއިރާއަކީ ކުދިންނަށް އަކުރު އުނގަންނައި ދިނުމުގެ އިތުރުން އެ ކުދިން ތަރުބިއްޔަތުކޮށް މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އެޅިގެން ދާ މުހިއްމު ބިންގަލެއްގެ ފަށުމެވެ. އެކަމުގެ ބުރަ އަދި ބޮޑު ޒިންމާ ބޮލުގައި އަޅައިގެން ތިބޭ ކުދިންގެ ދެވަނަ ބެލެނެވެރިންނަކީ މުދައްރިސުންކަމުގައިވާއިރު، މި ބުރަ މަސްއޫލިއްޔަތާ ހަވާލުވަނީ އެކަމަށް އެކަމަށް އުފެދިފައިވާ ޝައުގާ ލޯތްބެއްގެ ބޮޑުކަމުން ކަން ޔަގީނެވެ. މިއީވެސް އެފަދަ ހިތްވަރުގަދަ ފަހުލަވާނެއްގެ ވާހަކައެވެ.

އައްޑޫ ފޭދޫ ދީދައިތާގެ މަރިޔަންދިޔެގެ މަރްހޫމް މުހައްމަދު ސައީދު (އުފާ، ސ.ފޭދޫ) އާއި ކ.މާލޭ އުނގުލު މުނީރުގެ (މ. ސަންގުފަރީދުގެ) މަރުހޫމާ ސަކީނާ މުނީރުގެ ދޮށީ ދަރިފުޅު ފާތިމަތު ސައީދާ އޭ ބުނުމުން ގިނަ މީހުންނަށް ނޭގިދާނެއެވެ. އެހެންނަމަވެސް ފޭދޫ، އުފާ، ސައީދާ މިސް އޭ ބުނެފި ނަމަ ނޭގޭ މީހަކު އައްޑޫގައި ވަރަށް މަދުވާނެއެވެ. ސައީދާ މިސްގެ ހަޔާތުގެ ބޮޑު ބައި ހޭދަވީ ތައުލީމީ ދާއިރާގައެވެ. ހިސާބު މާއްދާއަށް މޮޅު ޓީޗަރެއްގެ ގޮތުގައި ފާހަގަކުރެވުނު ސައީދާ މިސްއަކީ ދީނީ ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ފަރާތެކެވެ.

މަނާރު ޖަމިއްޔާގެ މަސައްކަތުގެ ތެރެއިން

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެކި ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސައީދާ މިސް ވަނީ އަމިއްލަ އަތުން ޤުރުއާން ލިޔެފައެވެ. 2024 ވަނަ އަހަރު ޖަނަވަރީ މަހު ފެށި މި މަސައްކަތް ހަމަ އެ އަހަރު ނޮވެމަބަރު ނިންމާލީ އެކަމަށް އުފެދުނު ޝައުގާ ޤުރުއާނަށް ހިތުގައި އުފެދިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. ގޭގައި ނަމާދު ވޯކްޝޮޕްތައް ހިންގުމާ، ދީނީ އެކި އެކި މަސައްކަތްތައް ކުރުމުގެ އިތުރުން އައްޑޫގައި ބާއްވާ ވޯކްޝޮޕްތައް އަދި ޓްރައިނިންތަކުގައި އަންހެން ކުދިންނަށް ކިޔަވައިދުނުމަކީ ސައީދާ މިސްއަށް ލިބޭ އުފަލެކެވެ.

ފޭދޫ އަވަށުގައި ހިންގަމުން އަންނަ އަލްމަނާރު ޖަމްއިއްޔާގެ އެގްޒެކެޓިޔު އެޑްވައިޒަރެއެއްގެ ގޮތުން މަސައްކަތް ކުރުމާއެކު އެޖަމްއިއްޔާގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމަކީ ސައީދާ މިސް ވަރަށް ކުރާ ހިތުން ކުރަމުން އަންނަ މަސައްކަތެކެވެ. އަންހެން ކަނބަލުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް އަމިއްލަ ވައިބާ ގްރޫޕެއްގައި (اﻷخوات) ހިންގަމުން އަންނައިރު މި ގުރޫޕްގެ އެންމެ ބޮޑު މަގްސަދަކީ އެނގޭ އެއްޗެއް އެހެން ބަޔަކަށް ފޯރުކޮށް ދިނުންކަން އޭނާ ފާހަގަކުރިއެވެ. ކޮންމެ ދުވަހަކުވެސް ދީނީ ސުވާލެއް އެގްރޫޕުގައި ގެނެސްދެމުން އަންނަ ސައީދާ މިސް ބުނީ މިޝްކާތު ފައުންޑޭޝަންގެ މި ރަމަޟާން މަހުގެ ހިންގާ "މިޝްކާތު ދީނީ ސުވާލު މުބާރާތަށް" ސުވާލު ތައްޔާރުކޮށް ދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

ޑަބްލިއުޑީސީން ބޭއްވި ކުއިޒުގައި ބައިވެރިވި ސައީދާ މިސްގެ ޓީމް

އައްޑޫ ފޭދޫ 'އުފާ' އަކީ އެ ރަށުގެ ގިނަ ކުދިންގެ ތައުލީމީ ހަޔާތުގެ މުހިއްމު އެއް ބިންގަލެވެ. އެ ގެއެއްގައި އެކުދިންގެ ތައުލީމާ، ތަރުބިއްޔަތާ އަދި ދެ ދުނިޔޭގެ ކާމިޔާބީއަށް ކުދިންނަށް މަގު ކޮށައިދޭ ގެއެވެ. އެ މަސައްކަތުގެ މޭސްތިރިއަކީ ސައީދާ މިސްއެވެ. ސައީދާ މިސްއަކީ އެގެއަށް ކިޔަވަން އަންނަ ކުދިންގެ ބެލެނެވެރިޔާއެވެ. ޓީޗަރެވެ. ޕްރިންސިޕަލެވެ. އޭގެގެ ހަތަރު ފާރުން އެތެރެވުމާއެކު ދެން އެ ދަނީ ސައީދާ މިސްގެ ބެލުމުގެ ދަށަށެވެ.

އުމުރުން 10 އަހަރުގައި ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ގޭ ކައިރީގައި ހިންގި މަކްތަބެއްގެ ސަބަބުންކަން ފާހަގަކޮށް ސައީދާ މިސް ބުނީ އެތާނގައި ކިޔަވައިދޭ އަޑު އަހާ، ކިޔަވައިދޭތަން ބަލަން ގޮސް ހުންނަ ހުރުމަކީ މި ދާއިރާއަށް ނުކުތުމުގެ މައިގަނޑު ސަބަބު ކަމަށެވެ. އަބަދުވެސް ކިޔަވައިދޭ މީހުންނަކީ ހާއްސަ ގަދަރެއް ދެވިފައިވާ ބައެއްކަން ފާހަގަކޮށް އޭނާ ބުނީ މިހާރުވެސް އުނގަންނައި ދިނުމުގެ ދާއިރާގައި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ހިތުގައި ހާއްސަ ގަދަރަކާ ލޯތްބެއް ދެވިފައިވާކަމަށެވެ.

ސައީދާ މިސް އަތުން ލިޔެފައިވާ ޤުރުއާން ފޮތުގެ ސަފްހާއެއް

ސައީދާ މިސްގެ ހިތުގައި ތައުލީމީ ދާއިރާއަށް ދެވުނު ލޯތްބާއެކު މި މަސައްކަތް ރަސްމީ ސިފައެއްގަ ފެށީ 1992 ވަނަ އަހަރު ފޭދޫ ސްކޫލުންނެވެ. ސްކޫލުގައި ހިސާބު އިސްލާމް ފަދަ މާއްދާތައް ކިޔަވައިދީފައިވާ ސައީދާ މިސް ބުނީ ސްކޫލް ތަކަށް ކިޔަވާދޭން ދިޔަ އިރުވެސް އަބަދުވެސް ގޭގައި ޓިޔުޝަން ދޭ ކަމަށެވެ. "އަޅުގަނޑުގެ އުގަންނައި ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ގޮތްތަކުގެ ސަބަބުން އަބަދުވެސް އަޅުގަނޑު މުދައްރިސެއްގެ ގޮތުގައި ބެލެވެރިން ބަލައިގަތް. އަޅުގަނޑު ކިޔަވައިދޭ ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމާއި، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ލިޔަން ކިޔަން ދަސްކޮށް ދިނުމާ، ކުޑަ މުއްދަތެއްގެ ތެރޭގައި ރަނގަޅު ނަތީޖާ ލިބުމަކީ ބެލެވެރިން އަޅުގަނޑު މުދައްރިސެއްގެ ގޮތުގައި ބަލައިގަތް ސަބަބުތައް" ސައީދާ މިސް އަށް ބެލެނެވެރިންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާ ގާތްކަން ފާހަގަކޮށް ބުންޏެވެ.

ސައީދާ މިސް ސްކޫލުގައި ޓީޗަރެއްގެ ޒިންމާ އަދަކުރަމުން ދިޔައިރު އާއިލާގެ ޒިންމާތައްވެސް ނަގަމުން އައީ އެއްވެސް ފޫހިކަމެއް ވަރު ބަލިކަމެއް ނެތިއެވެ. މައިންބަފައިން ބެލެހެއްޓުމަކީ އެންމެ އިސް ވާޖިބުކަމުގައި ގަބޫލުކުރަމުން އައި ސައީދާ މިސް ސްކޫލުން ވަކިވުމަށްފަހު ގޭގައި މަޑުކޮށްލީ އޭނާގެ މަންމަ ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން 2017 ވަނަ އަހަރުގައެވެ. އެހާ ހިސާބުން ދެން ފެށިގެން ދިޔައީ ރަސްމީކޮށް ގޭގައި ޓިއުޝަން ދިނުމުގެ މަސައްކަތެވެ. މިހާރުވެސް 85 ކުދިންނަށް ކިޔަވައިދެމުން އަންނަ ސައީދާ މިސް ބުނީ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ކުދިންވެސް އޭނާގެ ޓިއުޝަން ކްލާހަށް ކިޔަވަން އަންނަ ކަމަށެވެ.

ސައީދާ މިސް ގޭގައި ކުރިއަށް ގެންދިޔަ ނަމާދު ވޯކޮޝޮޕް

"މި އަވަށުގެ ވަރަށް ގިނަ ކުދިންނަށް ކިޔަވާ ދެވިފަ ހުންނާނީ. އަންދާޒާ ކޮށްލަންވެސް އަޅުގަނޑަކަށް ނޭނގޭ. އަވަށުގެ ގޭ ބިސީތަކުގެ ތެރެއިން މަދު ގެއެއް އަޅުގަނޑު ކިޔަވައިނުދޭ ކުއްޖަކު ހުރި ގެއެއް ހުންނާނީ. ކިޔަވައި ދެވުނީ ކިތައް ކުދިންނަށް ކަމެއް އެހެން ބުނެދޭކަށް ނޭނގޭ. މިހާރު އަޅުގަނޑު ކިޔަވައިދިން ކުދިން ބޮޑެތިވެ އެކުދިންނަށް ލިބުނު ކުދިންނަށް ކިޔަވާދީ، އެކުދިންގެ ކުދިންނަށް އެބަ ކިޔަވާދެން. މިބުނަނީ މަންމަ ނިމިގެން ދަރިފުޅު ނިމިގެން އަދި މާމަ ދަރިފުޅަށް ވެސް ކިޔަވާ ދެވިފައޭ ހުރީ. ވަރަށް އުފާވޭ "މިސް" އޭ ކިޔާފަ ގޮވާލާ ކުދިން ގިނަވީމަ." ސައީދާ މިސްއަށް ކިޔަވައިދެވުނު ކުދިންގެ އަދަދު ނޭގުނު ނަމަވެސް ފޭދޫގެ ތިން ޖެނަރޭޝަނަށް ކިޔަވާ ދެވުން ކަން އޭނާ ފާހަގަކުރީ އުފަލާ އެކުގައެވެ.

"ކުރީފަހަރަކު އަވަށްޓެރި ޕޮލިހުން އައީ އަޅުގަނޑުމެންގެ ގެއަށް އައީ. އެކި އެކި ވާހަކަތައް ދެއްކުމަށްފަހު އެނބުރި ދަމުން އެތަކުން އެއްކުއްޖަކު ބުނަނީ "މިސް" ގެ ދަރިވަރެކޭ މިއީ. އަޅުގަނޑަކަށް ނުވެސް އެނގޭ. އަދި އެއްފަހަރަކު މި އަވަށުގައި އޮތް ދަރުސް އެއް ފައްޓަމުން ދަރުސް ދެއްވި ޝެއިހް، އެ ދަރުސް ފެށުމުގެ ހުއްދައަކަށް އެދުނީ. އަޅުގަނޑާ މުހާތަބުކޮށްފަ ބުނީ މިސް ގެ ފަރާތުން އިޒުނައަށް އެދެމޭ މިސްއަކީ އިހްތިރާމްކުރާ މުދައްރިސެކޭ" އެންމެ އުފާވަނީ އޭނާގެ ދަރިވަރުން ދިރިއުޅުމުގައި މިފަދަ ކާމިޔާބީތައް ހާސިލުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ފެނުމުންކަން ސައީދާ މިސް ފާހަގަކުރިއެވެ.

1992 އަހަރުން ފެށިގެން ހުއްޓުމެއްނެތި ކުދިންނަށް އުނގަންނައި ދިނުމުގައި މަސައްކަތްކުރަމުން އަންނަ ސައީދާ މިސް ބުނީ މިހާރު ކިޔަވައިދެނީ ފީ ނަގައިގެން ނަމަވެސް ފީ ނުނަގޭ ކިޔަވާދޭ ކުދިންވެސް ތިބޭނެ ކަމަށެވެ. އަދި އޭނާގެ ކައިރިން ދީނީ މައުލޫމާތު ހޯދަން އަންނަ ކޮންމެ މީހަކަށް އެހީތެރިވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށް ސައީދާ މިސް ބުންޏެވެ.

ސައިދާ މިސްގެ ފިރިމީހާ އަދި ދަރިފުޅު

އަބަދުވެސް ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަންދެމުން އަންނަ ސައީދާ މިސް ބުނީ ކިޔަވައިދޭ އިރު އެންމެ ބޮޑަށް ވިސްނަނީ އަބަދުވެސް ދަރިވަރުން މަސައްކަތެއްގެ ތެރޭގައި ބޭތިއްބުމަށް ކަމަށާއި ކުދިން މަސައްކަތެއް ނެތި ހުހަށް ދޫކޮށް ނުލާ ކަމަށެވެ. އަދި މާ މޮޅު ދަރިވަރެއް ނަމަ އަވަހަށް މަސައްކަތް ނިންމާނެކަން ދަނެ އެ ކުއްޖާއަށް ދޭނެ މަސައްކަތް ކުރިން ރާވާފަ ބަހައްޓާ ކަމަށާއި ހަމައެއާއެކު ފެންވަރު ރަނގަޅު ކުރަން ޖެހޭ ދަރިވަރުންނަށްވެސް ދޭނެ މަސައްކަތް ކުރިން ރާވާފައި ބަހައްޓާކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ދަރިވަރުންގެ ފަރާތުން ފެންނަ ރަނގަޅު ސިފަތައް ފާހަނގަކުރުމާ ނުރަނގަޅު ސިފަތައް އިސްލާހުކުރުމަށް ނަސޭހަތްދީ އެކަމަށް ހިތްވަރުދިނުމާ ހެދޭ ގޯސްތައް ކޮންމެ ދަރިވަރަކަށްވެސް ވަކިވަކިން ކިޔާދީ ބުނެދިނުމަކީ ސައީދާ މިސްގެ އާދައެކެވެ. ދަރިވަރުން ކުރާ މަސައްކަތް ބަލަމުންދާއިރު ދަރިވަރު ކައިރިއަށް ގެނެސް ރަނގަޅުކުރަންޖެހޭ ތަންތަން ބުނެދީ ސަމާލުކަން ދިނުމަށް ބުނުމަކީ ސައީދާ މިސް އަބަދުވެސް ކުރަމުން އަންނަ ކަމަކަށް ވާއިރު ބެލެނެވެރިންވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އޭނާ ކައިރިއަށް ކިޔަވަން ދާ ކުދިންގެ ފޮތް މާކް ކުރުމުގައި މިސް ދޭ ހާއްސަ ސަމާލުކަމެވެ.

ކުރި އާއި އަޅާ ބަލާއިރު މިހާރާ ދަރިވަރުންގެ އުނގެނުމުގެ ކަންކަން ވަރަށް ތަފާތުކަން ފާހަގަކޮށް ސައީދާ މިސް ބުނީ ކުރީގެ ދަރިވަރުން އުނގެނޭލެއް ވަރަށް އަވަސްކަމަށާއި ކުދިންނަށް ރީތި ދިވެހި ބަހުން ވާހަކަ ދައްކަން އެނގުން އެއީ އެދުވަސްވަރު އުނގެނެން ފައްސޭހަވި ސަބަބެއް ކަމަށެވެ. މާހައުލުގައި ހުންނަ ހުރިހާ އެއްޗެއްގެ ނަންތައް ދަރިވަރުން ކިޔާނީ ރީތި ދިވެހި ބަހުންކަން ފާހަގަކޮށް ސައީދާ މިސް ބުނީ ކުދިން އޭރު ކުޅެ އުޅުނީވެސް އެކުދިންގެ މާހައުލުގައި ހުންނަ ތަންތަނާއި ތަކެތި ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތައް ކަމަށެވެ.

މަނާރު ޖަމިއްޔާއިން ބޭއްވި 'އިގްރައު' ޕްރޮގްރާމް ނިންމުމުގެ ތެރެއިން

"ގޭގައި އުޅޭއިރުވެސް މައިންބަފައިންގެ ހުރިހާ މަސައްކަތެއްގައި ކުދިން އޭރު ބައިވެރި ކުރާނެ. މައިންބަފައިންގެ ބަސްއެހުން އެއީ މައިގަނޑު ސަބަބު. އެހެންކަމުން ކުދިން ތިބެނީ ލޯ ހުޅުވި ކަންކަން އުނގެނުމަށް ބޭނުންވެފައި. އޭރު އުގަންނައިދީ، ކިޔަވައި ދޭން ވަރަށް ފަސޭހަ. މިހާރު އެންމެ ފުރަތަމަ ޖެހެނީ ދިވެހި ބަހުން ތަންތަނަށާ، އެއްޗިއްސަށް ކިޔާ ނަމާއި، ކުރާ ކަން ދަރިވަރަށް ފަހުމް ނުވާތީ ނުވަތަ ނޭނގޭތީ އެބައި ކިޔަވައިދޭން" މިހާރުގެ ކުދިން ދިވެހި ބަހަށް ނުފަރިތަކަން ފާހަގަކޮށް ސައީދާ މިސް ބުންޏެވެ.

މިހާރު ކުދިން ތިބެނީ ވަކި ހިސާބެއްގައި "ތަޅުލެވިފައި" ކަން ފާހަގަކޮށް ސައީދާ މިސް ބުނީ ހަމައެކަނި ކުޅޭ ކުޅިވަރެއް ނުވަތަ ގޭމެއް ފިޔަވައި އިތުރު ކަމެއް އެނގޭނީ މަދު ކުދިންނަށް ކަމަށެވެ. އަބަދު ފޯނާއި ޓެބްލެޓަށް ކުދިންގެ ސިކުނޑި ހުސްވުމުގެ ނަތީޖާ އަކަށް ވަނީ ދަރިވަރުން ރުޅިގަދަވުމާ، އެހެން ކުދިންނާއި އެކީ އުޅެން ބޭނުންނުވުމާ، ވާހަކަ ނުދެއްކުމާ، އެކަހެރިވެފަ ހުރުމުގެ އިތުރުން އަހްލާގަށް ނޭދެވޭ އަސަރުތައް ކުރުން ކަމުގައި ސައީދާ މިސް ބުންޏެވެ. މިއީ މިޒަމާނުގައި އުގަންނައި ދިނުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަން ސައީދާ މިސް ފާހަގަކުރިއެވެ.

މައިންބަފައިންގެ މައްޗަށް ދަރިންގެ އަމުރު ނުހިނގާފަދަ ގޮތަކަށް ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން ފާހަގަކޮށް ސައީދާ މިސް ބުނީ ފޯނާ ޓެބްލެޓާ ދުރުކޮށް ބަންދުވެފައިވާ ކޮޓަރިން ކުދިން ބޭރަށް ނެރެ މަސައްކަތުގައި ކުދިން ޝާމިލުކޮށް ބައިވެރިކުރުން މުހިއްމުކަމަށެވެ. ދީނީ ކަންކަމަށް ދަރިން އަހުލުވެރިކޮށް އެ ކުދިންނަކީ ދީނީ ކަންކަންކަމަށް ލޯބިޖެހިފައިވާ ކުދިންނަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަން ސައީދާ މިސް ފާހަގަކުރިއެވެ.

ސައީދާ މިސް ގެ ބަގީޗާ

މިހުރިހާ ކަމަކަށް ވަގުތު ދިނުމަށްވެސް ސައީދާ މިސް އެންމެ ކުރާ ހިތްވާ ކަމަށް އޭނާ ވަގުތު ހުސްކުރެއެވެ. ގަސް ހެއްދުމަކީ އަބަދުވެސް ޝައުގުވެރިކަމަކަށްވާއިރު ސައިދާ މިސް ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ތަފާތު އެކި ކަހަލަ ގަސްތައް ހައްދާފައިވެއެވެ. މީގެ އިތުރުން ލިޔުންތެރިކަމަކީވެސް ސައިދާ މިސް ޝައުގުވެރިވާ ދާއިރާއަކަށް ވާއިރު މި ހުރިހާ މަސައްކަތެއްގައި ވެސް ފިރިމީހާގެ އެއްބާރުލުމާ އެހީތެރިކަން ލިބޭކަމަށް ސައީދާ މިސް ބުންޏެވެ.

ސައީދާ މިސްގެ ހުރި ހަމައެކަނި ދަރިފުޅަކީ މި މަސައްކަތާއި ވަރަށް ތަފާތު މަސައްކަތެއް ކުރާ ޒުވާނެއް ނަމަވެސް ސައީދާ މިސްގެ މަސައްކަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން ފާހަގަކުރިއެވެ. އަދި ސައީދާ މިސްގެ ކޮއްކޮ އާއި ފިރިމީހާގެ އިތުރުން ކޮއްކޮގެ ދެ ކުދިން އަދި އެކުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކުރިއެވެ. އަދި ޝައިހް އަހްމަދު ނަޒީހުގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް މި ހުރިހާ ފަރާތްތަކަށް ސައީދާ މިސް ވަނީ ޝުކުރުއަދާކޮށްފައެވެ.