މަސްޖިދުލް އަލް އަންސާރަކީ ސިންގަޕޫރުގެ ބެޑޮކްގައި ހުންނަ މިސްކިތެކެވެ. މި މިސްކިތް ހުންނަނީ ޗައި ޗީ ސްޓްރީޓާއި ބެޑޮކް ނޯތު އެވޭނޫ ގުޅޭ ހިސާބުގައެވެ. އެއީ ބެޑޮކް ސަރަހައްދުގައި ހާއްސަކޮށް ބެޑޮކްގެ މެދުތެރޭގައި ހުރި ބޮޑެތި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ. މީގެ އިތުރުން ޗައި ޗީ ހިސާބުގައިގައި ހުރި ހަމައެކަނި މިސްކިތެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު އަންސާރަކީ ކުރީގެ ވާދަވެރި ދެ ގާބީލާ ކަމަށްވާ ބަނޫ އައުސް އާއި ބަނޫ ހަޒްރާޖް ގުޅިގެން އުފެދުނު ގާބީލާ އެއްގެ ނަމެވެ. އެހެންކަމުން މި މިސްކިތަށް އަންސާރުގެ ނަން ދެވިފައިވަނީ އިސްލާމީ ތާރީހާއި ވަރަށް ބޮޑަށް ގުޅުވައިގެން ކަމަށް ބެލެވެއެވެ. މަސްޖިދުލް އަންސާރުގެ ތާރީހު ފެށެނީ 1974 ވަނަ އަހަރު އެ ސަރަހައްދުގެ ދިރިއުޅެމުންދިޔަ މުސްލިމް ޖަމާއަތުގެ މަދު ލީޑަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމަކުންނެވެ. އެމީހުން ބޭނުންވީ އެސްޓޭޓްގައި މިސްކިތެއް އެޅުމަށެވެ. އެހެންނަމަވެސް ފަހުން ގިނަ ބައެއްގެ އިއްތިފާގުން މިސްކިތް ބިނާކުރުމަށް ފާސްކުރެވުނީ ބެޑޮކް ސަރަހައްދުގައެވެ.

މަސްޖިދް އަލް އަންސާރުގެ ނަމާދު ހޯލް

އެންމެ ފުރަތަމަ މި މިސްކިތް ބިނާކުރުމުގެ ކޮމިޓީ (އެމްބީސީ) އެއް އުފެެއްދުމަށް އެމްޔޫއައިއެސް އަށް ހުށަހެޅިއެވެ. އެމްޔޫއައިއެސް އިން އެމްބީސީ އަށް ރުހުން ދީ، ކޮމިޓީ ގާއިމް ކުރަން ފެށުމަށް 1،000 ޑޮލަރު އެޑްވާންސެއް ދިނެވެ. އަދި އެމްބީސީގައި ޖުމްލަ 23 ކޮމެޓީ މެންބަރުންނާ 21 ފަންޑް ރެއިޒަރުން މިސްކިތް ބިނާކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވިއެވެ.

މިސްކިތް ބިލްޑިން ފަންޑް (އެމްބީއެފް) ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިނާކޮށްފައިވާ އަންސާރު މިސްކިތުގެ މަސައްކަތް ފެށިގެން ދިޔައިރު އެ އިމާރާތުގެ އަގަކީ 1.501 މިލިއަން ޑޮލަރެވެ. 1981 ވަނަ އަހަރު މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެވަގުތު އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އިންޗާޖް ޑރ އަހްމަދު މައްތާރެވެ. މި މިސްކިތް ބިނާކުރުމަށް 7 އަހަރު ހޭދަވެގެން ދިޔައެވެ.

މި މިސްކިތް މަރާމާތުކުރުމަށް 2012 ވަނަ އަހަރު މިސްކިތް އެއްކޮށް ބަންދުކޮށްފައިވާއިރު ރިކޮންސްޓްރަކްޝަންގެ މަރުހަލާގައި ހުކުރު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނގަޑުން ވަގުތީ ތަނެއް ހަދާފައިވެއެވެ. މި މިސްކިތުގެ މަސައްކަތަށް ތިން އަހަރު ހޭދަވިއިރު، މިސްކިތް އަލުން ހުޅުވީ 2015 ވަނަ އަހަރުއެވެ. މި މަސައްކަތް ނިމުނު އިރު މުންނާރުގެ ފްރޭމް ފިޔަވައި މިސްކިތުން ކުރީގެ އިމާރާތުގެ މާ ބޮޑު ނިޝާނެއް ފެންނާކަށް ނެތެވެ.

2012 ގެ ރިނޮވޭޝަންގެ ކުރިން މިސްކިތް ފެންނަން ހުންނަ ގޮތް

މި މިސްކިތް ބިނާކޮށްފައިވަނީ އަޅުކަންކުރަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު، ވަދެވޭ ގޮތަށް ހުޅުވާލެވިފައިވާ މައިޒާނެއްގެ ގޮތުގައެވެ. މިހާރު މި މިސްކިތުން ފެންނަނީ ކުރީ ޒަމާނާ، މި ޒަމާނުގެ ޑިޒައިންތައް އެއްކޮށްލައިގެން ހަދާފައިވާ ހިތް ފަސޭހަ މިސްކިތެއްގެ ގޮތުގައެވެ. މިސްކިތުގެ އެއް މުންނާރާ، މައި ނަމާދުކުރާ ހޯލުން ކުރީ ޒަމާނުގެ އަސަރުތައް ފެންނަން ހުރި އިރު ކްލާސްރޫމްތަކާ، އޮޑިޓޯރިއަމްތައް އަދި ފްލޯޓިން ޕޯޑިއަމްތަކުން މި ޒަމާނުގެ ނިޝާންތަކާއި ކުލަތައް ފެނިގެން ދެއެވެ.

މި މިސްކިތުން ސަގާފަތާއި، ޒަމާނީ ކުލަތައް ފެނިގެންދާއިރު މިސްކިތް ޑިޒައިންކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. އެންމެ ފުރަތަމަ މި މިސްކިތް ފެހި ކުލައިން ޒީނަތްތެރިކޮށްފައިވީ ނަމަވެސް 2000 ގެ އަހަރުތަކުގެ ކުރީކޮޅު މިސްކިތުގެ ކުލަ ވަނީ ނޫކުލައަށް ބަދަލުކޮށްފައެވެ.