ކޮންމެ އާއިލާއަކަށްވެސް އެ އާއިލާއެއްގެ އެންމެ ހަނގު މެންބަރެއްގެ ފުރަތަމަ ރޯދަ ހާއްސަވާނެކަން ޔަގީނެވެ. ރާއްޖޭގައި އާންމުކޮށް އުމުރުން 6 އަހަރުން ފެށިގެން ރޯދައަށް ދަރިފުޅު ތައްޔާރުކުރަން ފަށައެވެ. ބައެއް މައިންބަފައިން ދަރިފުޅު ރޯދައަށް ހުރެވެނީ ކިހާ އިރަކުތޯ ބަލަން ޝައުގުވެރިވާއިރު މުޅި އާއިލާއިންވެސް އެ ދަރިފުޅަށް ހިތްވަރުދޭނީ ރޯދަ ފުރިހަމަކުރުމަށެވެ.
އެހެންނަމަވެސް މިއީ ބައެއް މައިންބަފައިންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އަބަދުވެސް ގޭތެރޭގައި އުޅޭ އިރު ފެންބޮއި، ކައި، ސަކަރާތްޖަހާ އުޅޭ ދަރިފުޅަށް ރޯދަ ހުރެވިދާނެކަމާ މެދު ބައެއް މައިންބަފައިންގެ ހިތުގައި ޝައްކު އުފެދެއެވެ. ދަރިފުޅުގެ ކެއުމުގެ ޝެޑިއުލްއަށް އަންނަ ބަދަލާއެކު ބަލިވެދާނެކަމަށް ހީކުރެވެއެވެ. ރޯދައަށް ހުންނައިރު ދަރިފުޅު ވަރުބަލިވެދާނެތީ ބިރު ގަނެއެވެ. އެހެންނަމަވެސް މިއީ އެހާ ހާސްވެ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.
ރޯދަމަހަށް ދަރިފުޅު ތައްޔާރުކުރުމުގެ ގޮތުން ދަރިފުޅު މި މާތް މަހަށް ލޯބި ޖެއްސުމަށް ރޯދަވެރިޔާއަށް ހުރި ދަރުމަ އާއި ސަވާބުގެ ވާހަކަ ކިޔައިދޭށެވެ. ރޯދަ އަކީ ހަމައެކަނި ﷲ އަށް ކުރާ އަޅުކަމެއް ކަން ބުނެދީ ދަރިފުޅުގެ ވިސްނުމާ، އެއްވަރަށް ކަންކަން އޮޅުން ފިލުވައިދޭށެވެ. މީގެ އިތުރުން ރޯދައިގެ ސަބަބުން ލިބޭ ސިއްހީ ފައިދާތައް ދަރިފުޅަށް ކިޔައިދޭށެވެ. މިގޮތަށް ދަރިފުޅަށް ކަންކަން ކިޔައިދޭއިރު ދަރިފުޅަށް ފަސޭހައިން ވިސްނޭ ގޮތަށް އެ ވާހަކަތައް ކިޔައިދީ، ދަރިފުޅު ކުރާ ސުވާލުތަކަށްވެސް ޖަވާބުދޭށެވެ.
ރޯދައަށް ހުންނަ ވަގުތު ނަމާދު ކުރުމާއި، ގުރުއާން ކިޔެވުމާ، ސަދަގާތް ދިނުން އަދި އެކަކު އަނެކަކަށް އެހީތެރި ވުމުގެ ނަމޫނާ ދައްކާށެވެ. ހަމައެކަނި މި ވާހަކަތައް ދަރިފުޅަށް ކިޔައިދިނުމުގެ ބަދަލުގައި އަމަލުން އެކަން ދެއްކުމަކީ ދަރިފުޅަށް އެކަންކަން ކުރުމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.
ދަރިފުޅު ރޯދަށް ހުންނަ ދުވަހު ކުރާނެ ކަންތައްތަކުގެ ޝެޑިއުލްއެއް ރާވާލުމަކީވެސް ކުރެވިދާނެކަމެވެ. ގޭތެރޭގައި މަސައްކަތްކުރާއިރު އެ މަސައްކަތުގައި ދަރިފުޅު ބައިވެރިކުރާށެވެ. އަދި ރޯދަ ވިއްލާ ވަގުތު ދަރިފުޅަށް ހާއްސަކޮށް ކޮންމެވެސް ކަމެއް ކޮށްލާށެވެ. މީގެ އިތުރުން ދަރިފުޅުގެ ފުރަތަމަ ދުވަސް ހާއްސަކޮށްލުމަށް އާއިލީ ރޯދަ ވިއްލުން، ބާއްވާށެވެ. އޭރުން ދަރިފުޅަށް ރޯދަށް ހުރުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެއެވެ. އަދި ރޯދައިގެ މުހިއްމުކަން އަމިއްލައަށް ވިސްނުމަށްވެސް އެހީއަކަށް ވެގެންދާނެއެވެ.
ރޯދަމަހު ކެއުންބުއިމުގެ އާދަތައް ވީހާވެސް ރަނގަޅަށް ބަހައްޓަން ހާއްސަ އިސްކަމެއް ދޭންވާނެއެވެ. ރޯދައަށް ހުރުމަށް އެންމެ މުހިންމު އެއް ކެއުމަކީ ހާރުކަމުގައިވާއިރު، ހާރުކާން އެންމެ ރަނގަޅީ ވަގުތަކީ ފަތިސް ނަމާދާ ވީހާ ވެސް ކައިިރި ކޮށްފައެވެ ހާރުގަޑީގައި ދޭ ކާތަކެތީގައި ފައިބާ ހިމެނޭ ފުށުގެ ބާވަތުގެ ކާނާ ތައްޔާރުކުރާށެވެ. ހާރުގަޑިގައި ހޯލް-ގްރެއިން ކެއުން ކުއްޖާ ހެދި ބޮޑުވުމަށާ، ސްކޫލް ގަޑީގައި ކިޔަވާ ވަގުތު ފަރުވާތެރިވުމަށް އެހީވެދޭނެ އެވެ.
މީގެ އިތުރުން ހާރުކާ ގަޑީފައި ކިރާ އެކު އޯޓްސް އަދި ނަޓްސް ދެވިދާނެއެވެ. ނުވަތަ މަލްޓި ގްރެއިން ޕާނާ އެކު ބިސް، ޗީޒް ނޫނީ ޕީނަޓް ބަޓާ ވެސް ކުދިންނަށް ދެވިދާނެއެވެ. ކުއްޖާ ފެން މަދުވެއްޖެ ނަމަ ބޮލުގަ ރިހުމާއި ވަރުބަލިވާ ގޮތް ދިމާވާނެއެވެ. އެހެންކަމުން ހާރުކާ ގަޑީގައި އެކަށީގެންވާ މިންވަރަށް ފެން ބޯންދޭށެވެ. މީގެ އިތުރުން ޔޯގަޓް ނުވަތަ ސްމޫތީ އަކީ ވެސް މި ގަޑީގައި ދިނުން ރަނގަޅު އެއްޗިއްސެވެ.
ރޯދަ ވީއްލާ ގަޑިއަކީ ވަރަށް ބަނޑުހައި ވެފައި ހުންނަ ގަޑިއެއްކަމުން އެގަޑީގައި ގަދައަށް ކާލަން ބޭނުންވި ނަމަވެސް ދަރިފުޅުގެ ކެއުމުގައި ކޮންޓްރޯލެއް ގެންގުޅެން އާދަކުރާށެވެ. ރޯދަވީއްލާ ވަގުތު 2-3 ކަދުރު ކެއުން މުހިއްމެވެ. ކަދުރަކީ އަޔަން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ. ރޯދަވީއްލާ ގަޑީގައި ތާޒާ މޭވާ އިން ހަދާފައި ހުންނަ ޖޫސް ދެވިދާނެއެވެ. މީގެން ހަށިގަނޑަށް ބޭނުންވާ ހަކުރާ، މިނަރަލް އަދި ވިޓަމިން ލިބޭނެ އެވެ. ކުދިންނަށް ތެލާއި ސަރުބީ އެކުލެވޭ ބާވަތުގެ ކާނާ ދިނުމަށް ދުރުހެލިވުމާ މާގިނައިން ކެއުމުން ދުރު ކުރަން މައިންބަފައިން ހާއްސަ އިސްކަމެއް ދޭންވާނެއެވެ.
އުމުރުން 6 އަހަރުގައި ރޯދަ ހިފަން ފަށާ ކުދިންނަށް މުޅި ދުވަހު ރޯދައަށް ހުރުމަކީ އެހާ ފަސޭހަކަމަށް ނުވެދާނެއެވެ. އެހެންކަމުން މިކަމުގައި ކުއްޖާއަށް މައިންބަފައިންގެ އެހީ ވަރަށް ބޭނުންވެއެވެ. އެ އުމުރުގައި ދަރިފުޅަށް ރޯދައަށް، ހުރެވެން ދެން ބަހައްޓާށެވެ. އަދި ދަރިފުޅު ރޯދަ ދޫކޮށްލަން ބޭނުންވެއްޖެ ނަމަ އެކަމަށްވެސް އެހީތެރިވެދޭށެވެ. އެ އުމުރުގައި ކުއްޖާއަށް ރޯދަ ހިފަން މަޖުބޫރުކުރުމުގެ ބަދަލުގައި ރޯދައިގެ މުހިއްމުކަން އަބަދުވެސް ހަނދާންކޮށްދީ، ރޯދަ މަހަކީ ކުއްޖާއަށް ޝައުގުވެރިވާ ހަރަކާތްތަކާއެކު، އަޅުކަމުގެ މަހަކަށް ހެދުމަށް އިސްކަންދޭށެވެ.
