ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ އަބްދުލްފައްތާހް އަބްދުލްގައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެ އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ފައްތާހުގެ ޖަނާޒާ ރޭ ފަތިހު، ދިއްދޫ އިސްލާމީ މަރުކަޒުގައި ބާއްވާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ފައްތާހު ނިޔާވީ ކުއްލިގޮތަކަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން އިތުރު ފަރުވާއަށް ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައެވެ.

ދިވެހި ފިލްމީ ދާއިރާއަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފައްތާހުވަނީ ސިނަމާއަށް ކާމިޔާބު ގިނަ ފިލްމުތަކެއް ދޫކޮށްލާފައެވެ. އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ލިބިފައިވާއިރު 4 ވަނަ ގައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ އަދި ބެސްޓް އާޓް ޑިރެކްޝަން ގެ އިތުރުން ބެސްޓް މޭކަޕް ވެސް ހޯދާފައިވެއެވެ.