އޮލިމްޕަސް ސިނަމާގައި ޕްރެމިއާކުރި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އައު ފިލްމު "ޖަންނަތު" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ މި އަހަރު ނުކުތް އެންމެ މޮޅު ފިލްމު ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ނެރުނު އަސަރުގަދަ އާއިލީ ފިލްމު "ޖަންނަތު" ގެ ފުރަތަމަ ޝޯއަށް ފަހު، ސިނަމާއިން ނުކުތް ގިނަ ބެލުންތެރިން ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ހިއްސާކޮށްފައެވެ. އޯޓިޒަމް ހުންނަ ބައްޕައެއްގެ މަސައްކަތާއި އޭނާގެ ދިރިއުޅުމާއި، އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ އަސަރުގަދަ ފިލްމެކެވެ.

"މިއީ ވަރަށް ބޮޑަށް އަޑުގަދަ، ނަމަވެސް ގިނަފަހަރަށް ހިމޭންކަމާ ކުރިމަތިލާންޖެހޭ މައްސަލައަކަށް އަލިއެޅުވައިދޭ ވާހަކައެއް. ޖިބްރާންއަށް. ތެދުވެ ސާބަސް ދެން. ބުނާނެ އިތުރު އެއްޗެއް ނެތް. ކުޑަކުޑަ މަފިން، މިހާ ކުޑަކުޑަ އުމުރުގައި، ކުޅިބަލަން ތިބި އެންމެންގެ ލޯބި ތިޔަ ހޯދައިގަތީ. އަހަރެމެން އެންމެންވެސް ތިބީ ތިޔަ ކުޑަ މަފިން އާއި ޖިބްރާންއާއެކު. "ޖަންނަތު" އަހަރެމެންނަށް ހަނދާންކޮށްދެނީ، ކޮންމެ އިންސާނަކީވެސް އެމީހަކީ ކާކުކަން ދެނެގަނެ، އެމީހަކު ބަލައިގަންނަންޖެހޭ މީހެއްކަން. އަދި އެއީ މީހެއް ނޫންކަމަށް ހަދައިގެން ނިންމުންތައް ނިންމައިގެން ނުވާނެކަން. އޯޓިޒަމް އާމެދު މީހުން ވާހަކައްދައްކާނެ ފަދަ ފިލްމެއް އުފެއްދިކަމަށްޓަކައި "ޖަންނަތު" ފިލްމުގެ މުޅި ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ފިލްމު ބެލި މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައެވެ.

މި ފިލްމު ބެލި އެހެން މީހަކު ކުރި ޕޯސްޓެއްގައި ބުނީ މިއީ ވަރަށް ރީތި ފިލްމެއްކަމަށާއި ފިލްމު ނިމެންދެންވެސް ރޮވުނުކަމަށެވެ.މި މުޖުތަމައުގެ މީހުން އޯޓިޒަމް، އޭޑީއެޗްޑީ ނުވަތަ މިފަދަ އެހެން ސްޕެކްޓްރަމްތަކަކީ ކޮބައިކަން ދެނެގަނެ ހޭލުންތެރިވުމަށް އެދޭކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކުޑަކުދިންނަށް ވެސް ބެލޭ ގޮތައް އުފައްދާފައިވާ މި ފިލްމުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޝަރަފު އަބްދުﷲ އާއި ކުޑަކުއްޖާގެ ރޯލުން ފެނިގެން ދިޔަ މާހްރީން މުހައްމަދު އަލީ (މަފިން) އެކްޓިންގް ކަމަށް ބެލުންތެރިން ބުނެއެވެ. މީގެ ކުރިން "އަލްވަދާއު" އަދި "އަލިފާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ ފިލްމެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ޝަރަފުގެ އިތުރުން އާމިނަތު ޝުހާ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަންޖީ އަދި ޓައިޓްލް ރޯލުން ފެނިގެންދާ މަހްރީން މުހައްމަދު އަލީ ހިމެނެއެވެ.

އޮލިމްޕަސް ސިނަމާގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކުގައި ވެސް "އައިލެންޑް ސިނަމާ" މެދުވެރިކޮށް މި ފިލްމު އަޅުވައިދިނުމުގެ ފުރުސަތު ޕްރޮޑަކްޝަން ހައުސް އިން ވަނީ ހުޅުވާލާފައެވެ.