ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވާ އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ރާއްޖޭގެ 20 ޕްރޮޑަކްޝަން ހައުސްއަކުން ގުޅިގެން ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މި އެވޯޑުދީފައިވަނީ ދިވެހި ފިލްމީ އުދަރެހުގައި އެންމެ ގިނަ ފިލްމު އުފެއްދުމުގެ ލެޖެންޑަރީ ރެކޯޑް އޮންނަ ޑައިރެކްޓަރު އަމްޖޭ ގެ 50 ވަނަ ފިލްމު "ގިލަން" ޕްރިމިއާކުރުމަށް އޮލިމްޕަސް ސިނަމާގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންނާ، ބެލުންތެރިން ބައިވެރިވި މި ހަފްލާ ޝަރަަފުވެރިކޮށްދެއްވީ ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.

"ގިލަން" އަކީ މީގެ އަހަރުތަކެއް ކުރިން އަމްޖޭ މަސައްކަތް ފަށާފައިވާ، އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އެއް ފިލްމެވެ. މަގުބޫލު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ "ގިލަން" ވާހަކައަކީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން، ރޫހާނީ ހާދިސާތަކެއް ކިޔައިދޭ ސަސްޕެންސް ތުރިލާ އެކެވެ. މި ފިލްމުގައި ހިމެނޭ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދު އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.

މި ފިލްމު މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމުތަކެއް އައިލެންޑް ސިނަމާގެ ފަރާތުން ހަމަޖައްސަމުން އަންނައިރު މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި، އެ ސިނަމާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓް ލިބޭނެކަމަށް މި ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ވަނީ ބުނެފައެވެ.