މަސްވެރިކަމުގެ ސިނާއަތުގައި ހުރި ޒަމާންވީ ގޮންޖެހުންތަކަށް މި ސަރުކާރުން ހައްލު ހޯދަދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ މަސްވެރިންގެ ގުންޒަރު ފެށުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިންގެ ގުންޒަރުގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ މި ސިނާއަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުންކަން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.

މިފަދަ މަސައްކަތު މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ލިބޭ ހިޔާލާއި މަޝްވަރާއަކީ ސަރުކާރުގެ ތެރެއިން ތަންފީޒު ކުރެވޭ ކަންކަމަށްވާނަމަ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް އެކަންކަން ތަންފީޒުކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކެއް ކަމަށްވާތީ އެ ކަންކަމުން އަރައިގަތުމަށް ވަގުތު ނަގާ ކަމަށާއި އެކަމަށް ކުރަންޖެހޭ ހޭދަ ވެސް ބޮޑު ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ވެސް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. މިގޮތަށް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން މަހުގެ އަގު ކަނޑައަޅައި ބޭރުގެ މާކެޓްތަކުގައި އުނދަގޫވާ ހާލަތްތަކުގައި ސަރުކާރުގެ ކޭޝް ފްލޯއަށް ވެސް ދަތިވާ ފަހަރު އަންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވަރަށް ގިނަ ވައުދުތައް މަސްވެރި ކަމުގެ ސިނާއަތަށް ހުރިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މި ސިނާއަތުގެ ވައުދުތަށް ގިނަވީ ސިނާއަތުގެ ހާލަތު އޮތް ގޮތުން ކަމަށެވެ. އަދި ވައުދުތައް ފުއްދުމަށް ރައީސް މަސައްކަތްކުރައްވަމުންގެންދާ ކަމަށާއި ބައެއް ވައުދުތަކަކީ ވަގުތު ނަގާ ކަންތައްތައްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އެއީ މާލީ ގޮތުން އިންތިޒާމުތަކެއް ގެންނަންޖެހޭ ކަންތައްތަކެއްވުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ވެވަޑައިގެންވި ހުރިހާ ވައުދެއްވެސް ފުއްދޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެވެމުންދާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.