ރާއްޖޭގައި ބުޅާ ގެންގުޅުމަށް ހާއްސަ ރަށެއް "ކެޓް އައިލެންޑް" ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން "ކެޓް އައިލެންޑް" އެއް ތަރައްގީކުރުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހަރަދުތަކެއް ހިނގާ ކަމެއް މީގެން ކޮންމެ މަސައްކަތަކީ ވެސް. ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކައި ވެސް އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ލިބިފައި. އެ އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ޕެޓް ކޮމިއުނިޓީއަށް ލިބޭނެ ވަރަށް އުފާވެރި ހަބަރެއް ކަމަށާއި، މި މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ބުޅަލަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ރާއްޖޭގައި މިފަދަ ރަށެއް ގާއިމުކުރެވިއްޖެނަމަ، އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވެސް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ހަދާފައިވާ "އޮޅުހިޔާ" ފެސިލިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެތަނުގައި މިވަގުތު 280 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި އެތަނުގެ ޖާގަ އިތުރުކުރުމަށްޓަކައި މަރާމާތުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ނިމުމުން ގާތްގަނޑަކަށް 500 އެއްހާ ބުޅާ ބެލެހެއްޓޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޮޅުހިޔާގެ ޖާގަ އިތުރުކުރުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާ އާއި އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުން ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
