އުމުރުން 16 އަހަރު ނުވާނަމަ ސޯޝަލްމީޑިއާ ބޭނުން ކުރުން މަނާ ކުރި ފުރަތަމަ ގައުމުގެ ގޮތުގައި އޮސްޓްރޭލިއާއިން އާ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.
ރިސާޗް ހަދާ ފަރާތްތައް ކަމަށް ވާ ރޯއީ މޯގަން އާއި އީސޭފްޓީ ކޮމިޝަނާ ބުނާގޮތުން، އޮސްޓްރޭލިއާގައި ސޯޝަލްމީޑިއާ ބޭނުން ކުރާ 16 އަހަރުން ދަށުގެ 624،000 ކުދިން އުޅެއެވެ. އެވްރެޖް އުމުރުފުރައަކީ 13 އަހަރާއި 16 އަހަރާ ދެމެދެވެ.
ގައުމުގެ މުސްތަގުބަލު ކަމުގައިވާ ޅަކުދިންނާއި ޒުވާނުންގެ އަހުލާގަށް ބޮޑެތި ބަދަލުތަކެއް ގެނުވައި ސޯޝަލްމީޑިއާ މަނާކުރުމުގެ ސަބަބުން ކުރިމަތިވާ ފާޑިކިޔުމަށް ވުރެ އޮސްޓްރޭލިއާ އަށް މުހިންމީ ގައުމުގެ ޅަދަރިން ސަލާމަތް ކުރުން ކަމަށް ވިދާޅުވެ އެގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވަނީ 'މިއީ ފަހުރުވެރިވާ ވަގުތެއް' ކަމަށް ވިދާޅުވެފައެވެ.
އޮސްޓްރޭލިއާގައި އެ އުމުރުފުރާއަށް މަނާވި ސޯޝަލްމީޑިއާ އެޕްތަކުގެ ތެރޭގައި އެކްސް، އެފްބީ، އިންސްޓަގްރާމް، ޓިކްޓޮކް، ތްރެޑްސް، ސްނެޕްޗެކް، ކިކް، ޓްވިޗް، ރެޑިޓް، ޔޫޓިއުބް ހިމެނެއެވެ.
ތައުލީމީ އެކިއެކި ބޭނުންތަކާއި މުއާމަލާތު ކުރުމުގެ ބޭނުންތަކުގެ އިތުރުން ގޭމް ކުޅުމަށް އާންމުކޮށް ބޭނުން ކުރާ އެޕްތަކާއި ޕްލެޓްފޯމްތަކުގެ ތެރެއިން ވަޓްސްއެޕް، ޑިސްކޯޑް، ޔޫޓިއުބް ކިޑްސް، ރޯބްލޮކްސް، ގޫގްލް ކްލާސްރޫމް ފަދަ ޕްލެޓްފޯމްތައް މަނަލެއް ނުވެއެވެ.
އެޕްތައް މަނާކުރުމުން ޒުވާނުންނާއި އެ އުމުރުގެ ކުޑަކުދިން ދަނީ، ވީޕީއެންތައް ބޭނުންކޮށްގެން ސޯޝަލްމީޑިއާގެ އެޕްތައް ބޭނުން ކުރަމުންނެވެ. އެހެން ބައެއް ކުދިން ގެންދަނީ، އުމުރު ބަދަލުކޮށްގެން އެޕްތަކުގައި އާ ޕްރޮފައިލް ހަދަމުންނެވެ. އޭގެ ތެރެއިން ބައެއް ކުދިން ބީބީސީ އަދި އޮސްޓްރޭލިއާގެ ބައެއް މީޑިއާތަކާއި ބައިނަލްއަގްވާމީ ބައެއް މީޑިއާތަކާ ވާހަކަ ދައްކާފައި ވާއިރު، ގިނަ ކުދިން ބުނެފައި ވަނީ، ގާނޫނާ ހިލާފަށް އެޕްތަކަށް ވަންނަން ކޮންމެހެން ބޭނުން ނުވާ ކަމަށާއި، އެޕްތަކާ ނުލައި 'މުޅިން އާ ދުނިޔެއެއް' ތަޖރިބާކުރުމުގެ ދުވަސް ފަށާފައި ވާ ކަމަށެވެ.
އެހެން ބައެއް ކުދިން ބުނެފައި ވަނީ، އެޕްތައް މަނާ ނުކުރެވޭނެ ކަމަށާއި ވީޕީއެންގެ އެހީގައި ވަންނާނެ ކަމަށެވެ. މިކަމުގައި ބައެއް ބެލެނިވެރިންނާއި ސައިކޭޓްރިސްޓުން އަދި ސޯޝަލް ވޯކަރުންގެ ކަންބޮޑުވުންވެސް އެބަހުއްޓެވެ. ބައެއް ބެލެނިވެރިން ބުނެފައި ވަނީ، ސޯޝަލްމީޑިއާ ހުއްޓުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަނެއްބައި ބެލެނިވެރިން ބުނަމުން ދަނީ މިއީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އެމީހުންގެ ދަރިން ސަލާމަތްކޮށް ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ. ބައެއް ސައިކޭޓްރިސްޓުން ބުނަނީ، ގެއްލުމާއި ފައިދާ ހަމަހަމަ ކަމަށެވެ. ސޯޝަލްވޯކަރުން ބުނަމުން ދަނީ، މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއަދު އަމަލު ކުރަންފެށި ބޭން އާ އެކު އަލްބަނީސް އަށް ފާޑުކިޔައި ބައެއް ކުދިން ޕޯސްޓްތައް ކުރަން ފެށުމުން އޭނާ ވިދާޅުވީ، ވީޕީއެން ބޭނުން ކޮށްގެން އެޕްތަކަށް ވަންނަން ހުރި ލޯޕްހޯލް (ލޯވަޅުތައް) ވެސް ބައްދާނެ ކަމަށެވެ.
އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައި ނޯވޭއާއި އިނގިރޭސިވިލާތުން ދަނީ އޮސްޓްރޭލިއާ އާ އެއްފަދަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރު ވަމުންނެވެ.
އޮސްޓްރޭލިއާ އަކީ އެޕްތައް މަނާ ކުރި ފުރަތަމަ ގައުމު ކަމަށް ވާއިރު، އެޕްތަކުގެ ހިދުމަތް ދޭ ކުންފުނިތަކުން ގާނޫނާ ހިލާފުވާނަމަ ހިލާފުވާ ނިސްބަތަކުން 32.5 މިލިއަން ޑޮލަރާ ހަމައަށް އެބަޔަކު ޖޫރިމަނާ ކުރުމުގެ ބާރުވެސް ލިބިދީފައި ވެއެވެ.
