ފޭސްބުކް ބޭނުންކުރަމުން ދަނިކޮށް، "ތިބާއާ އެންމެ ވައްތަރީ ކޮން މަޝްހޫރު ތަރިއަކާ ހެއްޔެވެ؟" މިފަދަ ސުރުހީއެއް އޮންނަ ކުއިޒެއް ފެނުމުން ގިނަ މީހުންނަށް އެއަށް ފިތާލެވެއެވެ. އެއަށްފަހު ފެންނަނީ ނޫކުލައިގެ ފަރިތަ ބަޓަނެކެވެ. "ލޮގިން ވިތު ފޭސްބުކް" އަށް ފިތާލުމާއެކު، ސިކުންތުކޮޅެއްގެ ތެރޭގައި ކުއިޒުގެ ނަތީޖާ ފެނެއެވެ. މިއީ ވަރަށް ރައްކާތެރި އަދި ފަސޭހަ ކަމެއްކަމަށް ހީވި ނަމަވެސް، ހަގީގަތަކީ އެންމެ ފިތުމަކުން ތިބާގެ ޑިޖިޓަލް ހަޔާތުގެ ތަޅުދަނޑި ނޭނގޭ ބަޔަކާ ހަވާލުކުރެވުނީއެވެ. މިއީ ރައްކާތެރި ލޮގިންއެއް ކަމަށް ހީކޮށް، ދިވެހިންގެ ތެރެއިންވެސް އެތައް ބަޔަކު މި މަޅީގައި ދަނީ ޖެހެމުންނެވެ.

އާ އެކައުންޓުތައް ހަދައި، ގިނަ ޕާސްވޯޑުތަކެއް ދަސްކުރުމުގެ ބަދަލުގައި ފޭސްބުކް މެދުވެރިކޮށް އެހެން އެޕްލިކޭޝަންތަކަށް ވަނުމަކީ ފަސޭހައެކެވެ. ނަމަވެސް މި ފަސޭހައިގެ ފަހަތުގައި ބޮޑު އަގެއް ދައްކަންޖެހެއެވެ. ތާޑްޕާޓީ އެޕްލިކޭޝަނަކަށް ފޭސްބުކް މެދުވެރިކޮށް ވަންނަން ހުއްދަ ދޭއިރު، ތިބާގެ ޕާސްވޯޑު އެ އެޕްލިކޭޝަނަކަށް ނުލިބެއެވެ. އޭގެ ބަދަލުގައި ފޭސްބުކުން އެ އެޕްލިކޭޝަނަށް ދޫކުރަނީ "އޯއޯތު އެކްސެސް ޓޯކަން" އެކެވެ. މިއީ ޕާސްވޯޑާ ނުލައި ތިބާގެ އެކައުންޓަށް ވަދެވޭނެ ޑިޖިޓަލް ފާހެކެވެ.

މި އެކްސެސް ޓޯކަން މެދުވެރިކޮށް، ފޭސްބުކްގެ ގްރާފް އޭޕީއައި ބޭނުންކޮށްގެން ތާޑް ޕާޓީ އެޕްލިކޭޝަންތަކުން ތިބާގެ އެކައުންޓުގެ ގިނަ މައުލޫމާތުތަކެއް ހޯދައެވެ. ބައެއް އެޕްލިކޭޝަންތަކުން ހަމައެކަނި އާންމު ޕްރޮފައިލް މައުލޫމާތު ހޯދި ނަމަވެސް، ނުރައްކާތެރި އެޕްލިކޭޝަންތަކުން ތިބާގެ ރައްޓެހިންގެ ލިސްޓާއި، އީމެއިލް އެޑްރެހާއި، ފޮޓޯތަކުގެ އިތުރުން ތިބާގެ ނަމުގައި ޕޯސްޓުކުރުމުގެ ހުއްދައަށްވެސް އެދެއެވެ. ގިނަ މީހުން ކުއިޒުގެ ނަތީޖާ ބަލާލަން ބޭނުންވެފައި ތިބޭލެއް ބޮޑުކަމުން، މި ހުއްދަތައް ކިޔުމަކާ ނުލައި "އެލައު" އަށް ފިތާލައެވެ.

ސްކޭމް ކުރާކަން ދައްކަުވައިދޭ ފޮޓޯއެއް / ފޮޓޯ: ސޯޝަލް މީޑިއާ

މި ނުރައްކާތެރި އެޕްލިކޭޝަންތަކަށް އެކްސެސް ޓޯކަން ލިބުމާއެކު، ތިބާގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރަން ފަށައެވެ. ސައިބަރ ސެކިއުރިޓީ ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ބައެއް އެޕްލިކޭޝަންތަކަކީ ބޮޑެތި ހެކަރުންގެ ވިއުގަތަކާ ގުޅިފައިވާ އެއްޗެއްސެވެ. އާދައިގެ ކުއިޒެއްގެ ސިފައިގައި އިންނަ އެޕްލިކޭޝަނުން ތިބާގެ އެކްސެސް ޓޯކަން ހޯދުމަށްފަހު، އެހެން ހެކަރުންނަށް އެ ޓޯކަން ވިއްކާލައި ނުވަތަ ހިއްސާކުރެއެވެ. ރިސާޗްގޭޓް ފަދަ އިލްމީ މަންސަތަކުގައި ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ބައެއް ޑޭޓާސެޓްތަކުގައި ހިމެނޭ ތާޑް-ޕާޓީ އެޕްލިކޭޝަންތަކުގެ 13 އިންސައްތައަކީ މިފަދަ ނުރައްކާތެރި މަގުސަދުތަކުގައި ހަދާފައިވާ އެޕްލިކޭޝަންތަކެވެ.

ޓޯކަން ހައިޖެކްކުރުމަށްފަހު، ހެކަރުން ތިބާގެ އެކައުންޓު މެދުވެރިކޮށް ފިޝިން ލިންކުތަކާއި ސްކޭމް ޕޯސްޓުތައް އާންމުކުރެއެވެ. މިގޮތަށް ޕޯސްޓުކުރާއިރު ގިނަ ފަހަރަށް ތިބާގެ ރައްޓެހިން ޓެގްކުރެއެވެ. އެ ޕޯސްޓު ފެންނަ މީހުންނަށް އެއީ އިތުބާރުކުރެވޭ ރައްޓެއްސެއްގެ ފަރާތުން އައި ޕޯސްޓެއް ކަމަށް ހީވެ، އެ ލިންކުތަކަށް ފިތާލެވެއެވެ. މީގެ ސަބަބުން މި ނުރައްކާތެރި އެޕްލިކޭޝަންތައް ވަރަށް ހަލުވިކަމާއެކު ފެތުރިގެންދެއެވެ. ބައެއް ފަހަރު މި އެޕްލިކޭޝަންތަކުން އެމީހުންގެ ނަން ބަދަލުކޮށްގެންވެސް، ދިގު މުއްދަތަކަށް މީހުންގެ އެކައުންޓުތަކުގެ ކޮންޓްރޯލް ހިފަހައްޓައެވެ.

މި ސައިބަރ ނުރައްކާތަކުގެ އަސަރު ދިވެހިރާއްޖެއަށްވެސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާ ސްކޭމްތައް ވަނީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު އިތުރުވެފައެވެ. ކުރިން 15 މައްސަލަ ހުށަހެޅިފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 109 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކި ބާވަތުގެ ސައިބަރ ކުށްތަކުގެ ސަބަބުން 33 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ބުނި ގޮތުގައި، މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ގިނައިން ބޭނުންކުރަނީ ހެކްކޮށްފައިވާ ފޭސްބުކް އެކައުންޓުތަކެވެ. އެ އެކައުންޓުތައް މެދުވެރިކޮށް އާއިލާގެ މީހުންނާއި ރައްޓެހިންނަށް މެސެޖުކޮށް، އަވަހަށް ފައިސާ ބޭނުންވެގެން އުޅޭ ކަމަށް ބުނެ އޮޅުވާލައެވެ. މީގެ އިތުރުން ފޭސްބުކް މާކެޓްޕްލޭސްގައި ދޮގު މައުލޫމާތު ހިމެނޭ އިޝްތިހާރުތައް ޖެހުމަށްވެސް މި އެކައުންޓުތައް ބޭނުންކުރެއެވެ. ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ، ރާއްޖޭގައި ރިޕޯޓުކުރެވޭ މިފަދަ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގައި ތިބެގެން ހިންގާ ކުށްތައް ކަމަށް ފުލުހުން ފާހަގަކޮށްފައިވުމެވެ.

ފޭސްބުކް ތާޑްޕާޓީ އެޕް ރުމޫވްކުރާނެ ގޮތުގެ ތަސްވީރެއް

މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަ އެކައުންޓުގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމެވެ. ފޭސްބުކް އެކައުންޓާ ގުޅިފައިވާ ތާޑް-ޕާޓީ އެޕްލިކޭޝަންތައް ގަވާއިދުން ޗެކްކުރަން ޖެހެއެވެ. މިކަން ކުރުމަށްޓަކައި ފޭސްބުކްގެ "ސެޓިންގްސް އެންޑް ޕްރައިވެސީ" އަށް ވަނުމަށްފަހު، "ސެޓިންގްސް" ހިޔާރުކުރާށެވެ. އެއަށްފަހު ތިރިއަށް ގޮސް "އެޕްސް އެންޑް ވެބްސައިޓްސް" އަށް ފިތާލުމުން، ތިބާގެ އެކައުންޓަށް ވަނުމުގެ ހުއްދަ ދީފައިވާ ހުރިހާ އެޕްލިކޭޝަންތަކެއްގެ ލިސްޓު ފެންނާނެއެވެ.

ސައިބަރ ސެކިއުރިޓީ މާހިރުން ލަފާދޭ ގޮތުގައި، މި ލިސްޓުގައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބޭނުންނުކުރާ ނުވަތަ ނޭނގޭ ހުރިހާ އެޕްލިކޭޝަންތަކެއް "ރިމޫވް" ކުރަންވާނެއެވެ. ފޯނުން އެޕްލިކޭޝަނެއް ޑިލީޓްކޮށްލި ނަމަވެސް، ފޭސްބުކް ސެޓިންގްސްއިން އެ އެޕްލިކޭޝަން ރިމޫވް ނުކުރާހާ ހިނދަކު، އޭގެ އެކްސެސް ޓޯކަން ބާތިލެއް ނުވާނެއެވެ. އެހެންކަމުން މެނުއަލްކޮށް މި ހުއްދަތައް ކެންސަލްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން، ބޭނުންކުރާ އެޕްލިކޭޝަންތަކަށްވެސް ދެނީ ހަމައެކަނި ކޮންމެހެން ބޭނުންވާ މައުލޫމާތުތަކުގެ ހުއްދަ ކަމަށް ހެދުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް އަހަރެމެންގެ ދިރިއުޅުމާ ގުޅިފައިވާއިރު، މިފަދަ ކަންކަމަށް ސަމާލުވުމަކީ އެންމެ ބޮޑު ދިފާއެވެ. ފުލުހުން ބުނި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ފޭސްބުކް، ވައިބަރ އަދި ވަޓްސްއެޕް ހިމެނޭހެން ހެކްކޮށްފައިވާ 120 އެކައުންޓެއް އަނބުރާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ނަމަވެސް އެކައުންޓު ގެއްލުމުގެ ކުރިން ރައްކާތެރިވުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ދެން ފަހަރަކުން ފޭސްބުކް ޓައިމްލައިނުން މަޖާ ކުއިޒެއް ފެނުމުން، އެއަށް ވަނުމުގެ ކުރިން އޭގެ ފަހަތުގައިވާ ނުރައްކާތަކާމެދު ވިސްނާލަންޖެހެއެވެ. ކުޑަ ވަގުތުކޮޅެއްގެ މަޖަލަކަށްޓަކައި، އަމިއްލަ ޑިޖިޓަލް އައިޑެންޓިޓީގެ ކޮންޓްރޯލް ނޭނގޭ ބަޔަކަށް ދޫކޮށްލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.