ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމަށް ކަނޑައަޅައި، އެކަން ތަންފީޒުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިއީ އޮންލައިން މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އަރަބި ގައުމަކުން މިފަދަ ހަރުކަށި އުމުރެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މިއަދު ފާސްކުރި މި ނިންމުމުގެ ދަށުން، 15 އަހަރު ނުފުރޭ ކުދިންނަށް ސޯޝަލް މީޑިއާގެ އެއްވެސް މަންސައެއްގައި އަމިއްލަ އެކައުންޓެއް ހުޅުވައި، އެ އެކައުންޓް ހިންގުމަކީ މަނާކަމެކެވެ. މީގެ އިތުރުން، އެ އުމުރުގެ ކުދިންނަށް އެއްވެސް އެއްޗެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާއި، ކޮމެންޓްކުރުމާއި، މައުލޫމާތު ހިއްސާކުރުން ނުވަތަ އާންމު ގްރޫޕްތަކުގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށް ޔޫއޭއީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް، 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި، އެ ކުދިންގެ އުމުރާ ގުޅޭ ކޮންޓެންޓްތައް ކޮންޓްރޯލްކުރުމާއި، ނުދަންނަ މީހުންނާ މުއާމަލާތް ނުކުރެވޭނެ ގޮތް ހެދުމާއި، ސްކްރީން ބޭނުންކުރާ ވަގުތު ބެލެހެއްޓުމުގެ އިތުރުން ބެލެނިވެރިންގެ ސީދާ ބެލުމުގެ ދަށުން އެކައުންޓް ބޭނުންކުރުން ހިމެނެއެވެ.
މި ގަވާއިދަށް އަމަލުކުރުމަކީ ޔޫއޭއީގައި ހިދުމަތްދޭ ހުރިހާ ސޯޝަލް މީޑިއާ ކުންފުނިތަކަށް ލާޒިމުކަމެކެވެ. އަދި ކުދިންގެ އުމުރު ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ޗެކްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭނެކަމަށް އާ ގަވާއިދު ބުނެއެވެ. މިއާއެކު ހަމައެކަނި އަމިއްލައަށް އުމުރު ބަޔާންކޮށްލާ އުސޫލު މިހާރު ބަލައެއް ނުގަނެވޭނެއެވެ.
މީގެ އިތުރުން، 15 އަހަރުން ދަށުގެ ކުދިން މިހާރު ހުޅުވާފައިވާ އެކައުންޓްތައް ބަންދުކުރުމަށާއި، ކުޑަކުދިންގެ އަމިއްލަ މައުލޫމާތު ބޭނުންކޮށްގެން އިޝްތިހާރު ކުރުން ފަދަ ކަންކަން ސޯޝަލް މީޑިއާ ކުންފުނިތަކަށް ވަނީ މަނާކޮށްފައެވެ.
ޔޫއޭއީ ސަރުކާރުން ބުނި ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނަށް ނުރައްކާތެރި އަދި އުމުރާ ނުގުޅޭ ކޮންޓެންޓް ފެނުމުން ދުރުކުރުމާއި، އޮންލައިންކޮށް ހިންގާ ނޭދެވޭ މުއާމަލާތްތަކުން ކުދިން ސަލާމަތްކުރުމެވެ. އަދި މިއީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މި އާ ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް ސޯޝަލް މީޑިއާ ކުންފުނިތަކަށް 12 މަސްދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އަންނަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަރުކަށިކޮށް ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
