އެކި ފަރުދުންނަށް އަމާޒުކޮށް ބަދު ބަސްތައް ރައްދުކޮށް، މީހުންނާ މެދު ނުނިޔަތް ފާޅުކުރާ ފަރާތްތައް ދައުލަތުގެ މުހިންމު މަގާމުތަކަށް އައްޔަންކުރުމަކީ، ދައުލަތުން އަދުލުވެރިކަން ދޫކޮށްލާފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގައިވެސް ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ އިބްރާ މިފަދައިން ވިދާޅުވެފައި ވަނީ ދާދިފަހުން ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި އަލީ ޝަރީފް މީގެ ކުރިން ބަސްމަގު ގެންގުޅުއްވާފައިވާ ގޮތާ ގުޅިގެންނެވެ. އެގޮތުން 2019 ވަނަ އަަހަރު އަލީ ޝަރީފް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އިބްރާއަށް ވަރަށް ބޮޑަށް މަލާމަތްކުރާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އިބްރާގެ އުނިކަމަށް ރިއާޔަތްކޮށް އަލީ ޝަރީފް ވަނީ "މީނާގެ ދެންހުރި އަނގުނުތައް ސަލާމަތުން ﷲ ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަޖެހޭ" ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އަލީ ޝަރީފް އެކި ފަރާތްތަކަށް ވަރަށް ބޭ އަދަބީ މޭރުމަކުން މުހާތަބު ކުރައްވާފައިވާ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވެފައި ވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިބްރާގެ އުނިކަމަށް ހަޖޫ ޖަހާ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި އަލީ ޝަރީފް މީގެ ކުރިން އެކްސްގައި ކުރައްވާފައިވާ ކޮމެންޓެއް

އެކަމާ ގުޅިގެން އިބްރާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ދައުލަތުގެ ބަސްކިޔާ އަދި ގޮތް ނިންމާ ފަދަ މަތީ މަގާމުތަކަށް، އަހުލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލުތައް ހިންގާ މީހުން އިސްވުމަކީ ގައުމުގެ އިންސާފުގެ ނިޒާމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި އެހެން މީހުންނަށް އިހުތިރާމް ކުޑަކޮށް، ބަދުބަސް ބުނެ އުޅެނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށާއި އެފަދަ މީހުންނަށް ދައުލަތުގެ ބާރުތައް ދިނުމަކީ މުޅި މުޖުތަމަޢުގެ މަސްލަހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޝަރީފްގެ މި އަމަލުތަކަށް ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ދާދިފަހުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިޔާސީ ޕޯޑިއަމެއްގައި ބޭނުންކުރި ދިވެހި ޒަމާންވީ މަޖާޒީ ބަހެއްގެ މައްސަލާގައި އާންމުންނާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ނުކުމެ ޝާހިދުގެ އެ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާއިރު އެފަދަ އެތައް މޭރުމަކުން ވާހަކަ ދައްކަވާފައިވާ ބޭފުޅަކު މިނިސްޓަރުގެ މަގާމަށް މި ސަރުކާރުން އައްޔަން ކުރުމުން އާންމުން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަދި ހަޖޫ ޖެހުމާއި މަލާމާތް ކުރުމަކީ ބޭ އަދަބީ އަދި ދަށު ދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ އޭނާގެ ގާބިލް ކަމާ މެދު ވެސް ސުވާލު އުފައްދަމުންނެވެ. އޭނާގެ މި ބަސްމަގާ ގުޅިގެން އޭނާއަށް މަޖިލީހުން ރުހުން ނުދިނުމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.

މި ޕޯސްޓުތައް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އަލީ ޝަރީފް ވަނީ ޕޯސްޓުތައް ޑިލީޓް ކުރައްވާފައެވެ.