ދިވެހިރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަކަށް ނުވަދެވޭ ގޮތަށް މަނާކުރަން ގަސްދުކުރައްވާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ނިންމުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމެވީ އޮސްޓްރޭލިއާ ސަރުކާރުން މިހާރު މި ކަމުގައި ގެންގުޅޭ ނަމޫނާ މިންގަނޑުތަކަށް ބައްލަވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން ސައިބާ ބުލީ ކުރުމާއި، އޮންލައިން ގްރޫމިންގެ އިތުރުން ނުރައްކާތެރި ކޮންޓެންޓްތަކަށް ހުށަހެޅެމުންދާ ކަމީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވެފައި، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ވާތީ، ކުޑަކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސޯޝަލް މީޑިއާގެ އެޕްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކާ މުއާމަލާތްކޮށްގެން އޮސްޓްރޭލިއާގެ މިންގަނޑުތައް ރާއްޖެއަށް ތައާރަފްކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޮސްޓްރޭލިއާގައި މިހާރު ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް ކުޑަކުދިންނަށް ބޭނުން ނުކުރެވޭނެއެވެ. ނަމަވެސް މެސެޖުކުރުމަށް ބޭނުންކުރާ އެޕްތަކާއި ގޭމް ކުޅޭ ޕްލެޓްފޯމްތައް މި މަނާކުރުމުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.