މާދަމާ ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް ބާއްވަން އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްްޑީސީއިން ބުނީ މިއީ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް އެ ދުވަހުގެ ހެނދުނު އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ "ކޯސްޓަލް ކްލީނަޕް" ހަރަކާތެއްގެ އިތުރުން ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް މާދަމާ ރޭ ބާއްވާ ޕެނަލް ޑިސްކަޝަނެއް ކަމަށެވެ.

ކޯސްޓަލް ކްލީނަޕްއާއި މަންސަ ޕްރޮގުރާމުގެ މަގްސަދަކީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެގޮތުން ކޯސްޓަލް ކްލީނަޕް ހަރަކާތް ފަށާނީ މާދަމާ ހެނދުނު 7:00 ގައި ކަމަށާއި ހުޅުމާލޭ ފޭސް 1 އަދި އެކަކާއި ފޭސް 2 ބީޗް ގުޅޭ ބްރިޖު ސަރަހައްދުން ކަމަށް އެޗްޑީސީއިން ވަނީ މައުލޫމާތުދީފައެވެ. އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ 2 ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީއިން ބުނީ ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތަކުގައި ވެސް ސާފުކުރުން މާދަމާ ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތަށްފަހު، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކަމާގުޅޭ މާހިރުންނާއެކު ކުރިއަށްގެންދާ މަންސަ، ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:45 ގައެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.