ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން 1 މިލިއަން ގަސް އިންދުމުގެ ޕްލެޖްގެ ދަށުން، މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު "ފެހި މަންޒަރު" އިފްތިތާހު ކޮށްފިއެވެ.
މިކަމާ ގުޅިގން ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ 1 މިލިއަން ގަސް އިންދަން ވައުދުވެފައިކަމަށާއި، މި އިފްތިތާހު ކުރި ފެހި މަންޒަރަކީ އެޗްޑީސީން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެއް ކަމަށެވެ.
އެގޮތުން މި ފެހި މަންޒަރުން ހާމަވަނީ ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ ބުރަ މަސައްކަތްކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީން ވެފައިވާ 1 މިލިއަން ގަސް އިންދުމުގެ ޕްލެޖްއަށް ވާސިލުވުމަށް އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުން ކަމަށެވެ.
އެޗްޑީސީން ބުނީ 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް އިންދާފައިވާކަމަށާއި، އުންމީދަކީ ވީ އެންމެ އަވަހަކަށް 1 މިލިއަން ގަސް އިންދުމާއި ހަމައަށް ވާސިލުވުން ކަމަށެވެ. "ފެހި މަންޒަރު" އިފްތިތާހުކުރުމަށް އެޗްޑީސީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަހުމަދު އަތީފާއި، އެޗްޑީސީ ގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އަހުމަދު އިބްރާހިމްގެ އިތުރުން 5 މިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުނާއި އެޗްޑީސީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.